twitterviber whatsapp telegramfacebookyoutube instagram
19th May 2024

އިގްތިސާދީ ބޮޑެތި ދަތިތަކާއެކު މިސަރުކާރުން 11،000 ވުރެ ގިނަ ވަޒީފާ އުފެއްދި: މަބްރޫކް

ޚަދީޖާ އާދަމް
Dec 15, 2021

ކޮވިޑް 19 އާއި ގުޅިގެން ކުރިމަތިވި އިގްތިސާދީ ބޮޑެތި ދަތިތަކާ އެކު ވެސް މިސަރުކާރުގައި އެކަނި 11،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ވަޒީފާތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވާހަކަ ދައްކަވާފައި މިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 104،000 ވަޒީފާ އުފެއްދި ކަމަށް އިދިކޮޅު ޕާޓީން ބުނެފައިވާތީ އެކަމަށް ރައްދު ދެއްވާފަ އެވެ. އެގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ވަޒީފާ އުފެއްދުނު މިންވަރު އެންމެ ރަނގަޅަށް ބަލައިލެވެން އޮތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޑާޓާ ބޭސް އިން ކަމަށެވެ.

މަބްރޫކް ވިދާޅުވީ އިދިކޮޅު ޕާޓީން ބުނާ އަދަދަށް ވަޒީފާ އުފައްދާފައިވާނަމަ މިހާތަނަށް ސަރުކާރުގައި ހުރި ތަފާސްހިސާބުތައް ވެސް ދިމާނުވާ ކަމަށެވެ. މުޅި ރާއްޖޭގައި 2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގައި އޭރު ރާއްޖޭގައި މަސައްކަތު އާބާދީގެ ގޮތުގައި ފާހަގަކޮށްފައިވަނީ 250،000 އެއްހާ މީހުން ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ވަޒީފާ އުފެއްދި ކަމަށް ބުނާ އަދަދު ދޮގުކުރައްވަމުން މަބްރޫކް ވިދާޅުވީ އޭރު އުފެއްދިފައިވަނީ 22،000 ވަޒީފާ ކަމަށެވެ. އެއީ ދުނިޔޭގެ އިގްތިސާދު އެންމެ ރަނގަޅަށް އޮވެ އަދި ވެރިކަމުގެ ފަސް އަހަރު ކުރެވުނު މަސައްކަތުން އުފެއްދުނު އަދަދު ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ބޮޑެތި ދަތިތަކާ އެކު ވެސް މިސަރުކާރުން މިހާތަނަށް 11،160 ވަޒީފާ އުފައްދާފައިވާ ކަމަށެވެ. ސަރުކާރުން ކުރިއަށް ގެންދާ ތަފާތު ޕްރޮޖެކްޓްތަކުގެ ތެރެއިންނާއި މަޝްރޫއުތައް ނިމުމުން ވެސް އިތުރު ވަޒީފާތައް އުފެއްދޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި 900 އެއްހާ މީހުންނަށް އެސްޑީއެފްސީ މެދުވެރިކޮށް ލޯން ދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355