އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިހާރު ތިއްބެވި މެމްބަރުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ފަށައިފި އެވެ.
އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިމަހުގެ ނުވަވަނަ ދުވަހު އޮތީ ނިންމާފަ އެވެ. އޭސީސީގެ މެންބަރުން ވަކިކުރުމަށް ނިންމާފައި މިވަނީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެވެ.
އަދި އެ ނިންމުމާމެދު ގޮތެއް ނިންމުމަށް ދައުރުން ބޭރުން މިއަދު ވަނީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފަ އެވެ. މި ޖަލްސާ މިއަދު ފެށުނުތަނާ އޭސީސީގެ މެންބަރު އިބްރާހީމް ޝަކީލް އިސްތިއުފާ ދެއްވި ކަން އަންގާ ރައީސް އޮފީހުން ފޮނުވި ސިޓީ ވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްވާފަ އެވެ.
އެހެންކަމުން އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އަދި އައިޝަތު އަބްދުﷲ އެވެ.
އޭސީސީގެ މެންބަރުން އެކި ފަހަރު މަތިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކޮށް އެ ބޭފުޅުންނަށް އެކަށީގެންވާ މަސައްކަތް ނުކުރެއްވޭ ކަމަށް ވިދާޅުވެ ކޮމިޓީގެ މެންބަރުން ވަނީ މީގެކުރިން ކޮމިޓީގައި އޭސީސީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.