ކުޅުދުއްފުށި ސިޓީގެ މަގުތަކުގެ ދެވަނަ ފިޔަވަހީގެ ދަށުން ހަދައި މަގުތައް ޑިޒައިންކޮށްފައިވާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކު މަގުގެ ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށްކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ޝާމިލުކުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުމަށް ސަރަހައްދީ ފެންވަރުގައި ކުޅުދުއްފުށީގައި ބޭއްވި މަސައްކަތު ބައްދަލުވުމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް އަންނައިރު ހުރިހާ ފަރާތްތައްވެސް ޝާމިލްވާނެ ފަދަ ގޮތަކަށް އެ މަޝްރޫއުތައްވެސް ބައްޓަން ކުރަން އެބަޖެހޭ ކަމަށެވެ.
މަގުތަކާއި ޕާރކް އަދި ބީޗް އޭރިއާ ފަދަ ތައްތައް ތަރައްގީކުރާއިރު ވީލް ޗެއަރގައި އުޅޭ ފަރާތްތަކަށް ބޭނުންނުކުރެވޭ ގޮތަށް ޑިޒައިންކޮށްފައި ހުންނަ މަންޒަރު ފެންނަ ކަމަށާއި ޝާމިލުކުރުމުގެ ވާހަކަދައްކާއިރު މި ވާހަކަތައްވެސް ދައްކަން ޖެހޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އަދި ތަރައްގީގެ މިފަދަ ޕްރޮޖެކްޓްތަކާއެކު މިކަންކަމުގައި އެންމެންނަށް ފަހިވާނެ ވެއްޓެއް ތަރައްގީއާއެކު އަންނަ ޖެހޭ ކަމަށެވެ.
މޭޔަރު ވިދާޅުވީ ދެވަނަ ފިޔަވަހީގެ މަގުތައް ހެދޭއިރު މަގުތައް ހުންނާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު މަގުތައް ބޭނުންކުރެވޭނެހެން ޑިޒައިންކޮށްފަ ކަމަށެވެ. އެގޮތުން ވީލް ޗެއަރގައި އުޅޭ ފަރާތްތަކަށް ޕޭވްމެންޓަށް އެކްސެސްވެވޭނެހެން ތިރިކޮށްފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ހަމައެއާއެކު ލޯފަން މީހުންނަށް ޕޭވްމެންޓްގައި ހިނގާ ބިނގާވެ އުޅުމަށް ފަސޭހަކުރުމަށް ބްރެއިލް ބުލޮކްސް ހިމެނޭ ތޯ މަސައްކަތްކުރާ ކަމަށާއި އެހެންނަމަވެސް އަދި އެކަން ފައިނަލްވެފައިނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. އެހެން އެކަން ވެއްޖެކަމަށްވާނަމަ އެފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެކަން މޭޔަރު ފާހަގަކުރެއްވި އެވެ.
މޭޔަރު އާތިފު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާނެ ފަރާތްތަކަށް ހާއްސަކޮށް އަންނަ އަހަރު ވޯކްޕްލޭންގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ތަފާތު ހަރަކާތްތަކާއި ހޭލުންތެރިކަމުގެ ޕްރޮގުރާމްތައްވެސް ހުންނާނެކަމަށް ވިދާޅުވި އެވެ.
"މިހާރުވެސް އަޅުގަނޑުމެން ވާނެ ވާހަކަ ދައްކާފަ ޕެރަ އޮލިމްޕިކް ކޮމެޓީ އާއި އަދި ސްޕެޝިއަލް އޮލިމްޕިކް ކޮމެޓީއާއެކު ކުޅުދުއްފުށި އަންނަ އަހަރު ޕްރޮގުރާމެއް ކުރިއަށްގެންދިޔުމަށް." މޭޔަރު ވިދާޅުވި އެވެ.