ދުނިޔެއަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި އެންމެ ބޮޑު އެއް ޕެންޑެމިކްކަމަށްވާ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން އެންމެ ދިގު އަދި އެންމެ ހަރުކަށި ރެސްޓޯރަންޓް ލޮކްޑައުންއެއްގެ ހިތި ތަޖުރިބާކުރަން ޖެހުނު އެއް ސިޓީއަކީ ކެނެޑާގެ ޓޮރޮންޓޯ އެވެ.
ދުނިޔޭގެ އެހެން ސިޓީތަކާ ހިލާފަށް ޓޮރޮންޓޯއަށް ކުރަންޖެހުނު ތަޖުރިބާ މާ ހިއްޗެވެ. އިންޑޯ ރެސްޓޯރެންޓެއްގައި އެ ސިޓީގެ ރައްޔިތުންނަށް އިއްތާނުލެވި 360 އަށްވުރެ ގިނަ ދުވަސް ގުނަން ޖެހުނެވެ.
އެހެންނަމަވެސް ކެނެޑާގެ އެންމެ ބޮޑު ސިޓީއިން މިހާރު 12 އަހަރުން މަތީގެ ކުދިންނާއެކު ޖުމްލަ 85 އިންސައްތަ މީހުން ވެކްސިން ޖަހާފަ އެވެ. އެތަނުގެ ރީތި އަދި ހިތްގައިމު ރެސްޓޯރެންޓްތަކާ ވޯޓަރ ފްރަންޓްތައް މިހާރު އަންނަނީ ކުރީގެ ހާލަތަށް އެނބުރި އަންނަމުންނެވެ.
އޯގަސްޓްމަހުން ފެށިގެން އެއްކޮށް ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނާއި އާންމުންނަށް އެ ރެސްޓޯރެންޓްތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. ބައެއް ރެސްޓޯރެންޓްތަކުގެ ވެރިން ބުނާގޮތުގައި މާސްކެއް އަޅާ ވެކްސިން ފުރިހަމަކޮށްފައިވާނަމަ ސިޓީ މިއޮތީ އަނެއްހެން ބުނާނަމަ އާންމު ހާލަތަށް އައިސްފަ އެވެ.
އިންޑޯ ރެސްޓޯރެންޓްތައް ހުޅުވުމާއެކު ވެކްސިނޭޓެޑް ޓްރެވެލާސްއަށް ފިނި މޫސުމުގައި މި ހިތްގައިމު ސިޓީއަށް ދަތުރުކޮށްލުން ވެގެންދާނީ ވަރަށް ވެސް އުފާވެރި ހިތްގައިމު ތަޖުރިބާއަކަށެވެ.
ފިނިވެގެންދިޔަކަމުގައިވީ ނަމަވެސް ވިންޓާއަކީ ވެސް ވަރަށް ރީތި އަދި ދަތުރުކޮށްލަން އަހަރުގެ އެހާ ބައި ބޯ ނޫން ހިސާބެއްކަމަށް އެސިޓީގެ ރައްޔިތުން ބުނެ އެވެ. އެ ސިޓީގެ އާންމުން ބުނަނީ ހަމައެކަނި ހޫނު މަސްތަކުގައި ނޫނަސް އެސިޓީއަށް ދަތުރުކުރުމަށެވެ. ކެނެޑާގެ ވިންޓާ ސްނޯ ވެސް ވަރަށް ރީތިވެފައި އެހާމެ ހިތްގައިމުކަމަށް އެމީހުން ބުނެ އެވެ.
ޓޮރޮންޓޯގައި ބޮޑެތި ޖާގަ ތަނަވަސް ޕާރކްތައް ހުރެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ހައި ޕާރކެވެ. ހައި ޕާރކަކީ އެސިޓީގެ އެންމެ ބޮޑު ޕާރކެވެ. މި ޕާރކަކީ ތާޒާ ސްނޯފޯލްއެއް ތަޖުރިބާކޮށްލަން ހިޔާރުކުރެވިދާނެ ހައިރާންކުރުވަނިވިހާ ރީތި ތަނެކެވެ.
އަދި ޓޮރޮންޓޯއަކީ އައިސްގަނޑު އެކަށީގެންވާވަރަށް ބޯނަމަ ބައެއް ފެންގަނޑުތަކާ ކޯރުތަކުގައި އައިސް ސްކޭޓް ވެސް ކުރެވިދާނެ މަންޒިލެކެވެ. މިސިޓީއަކީ ފިނިވިއަސް އެންމެ ފުރިހަމައަށް އުފާކޮށްލާ މަޖާކޮށްލަން ލާމަސީލު މަންޒިލެކެވެ.
ސްނޯޝޫއިންގެ އިތުރުން ކްރޮސް ކަންޓްރީ ސްކީން އަކީ ވެސް މިސިޓީގެ ބައެއް ޕާރކްތަކުގައި ހުއްދަ ކަމެކެވެ. ހާއްސަކޮށް ހައި ޕާރކްގަ އެވެ. އެހެންނަމަވެސް އެކަމަށް ބޭނުންވާ ސާމާނު ގެނައުމަކީ އެކަންކުރާ މީހާގެ އަމިއްލަ ޒިންމާއެކެވެ.
މުޅި ކެނެޑާއިން ވެސް ވަނީ އެގައުމުގެ އެންމެ ދެކުނު އަވައްޓެރިޔާ ކަމަށްވާ އެމެރިކާއާ އަޅާ ބަލާއިރު ވެކްސިނޭޝަންގެ އޯވަރޯލް ރޭޓް މަތިކޮށް އެމެރިކާ ފަހަނައަޅާ ގޮސްފަ އެވެ. އަދި މިއާއެކު އެގައުމުވެގެން ގޮސްފައިވަނީ ދުނިޔޭގައި އެންމެ ގިނައިން ވެކްސިނޭޓްކުރި އެއް ގައުމަށެވެ.
އެހެންކަމަށްވުމާއެކު ޓޮރޮންޓޯއާއި އޮންޓާރިއޯ ޕްރޮވިންސްއަށް ވަނީ މަޑުމަޑުން ފިޔަވަޅުތައް ލުއިކުރަމުން ގޮސް 2022 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް ޕެންޑެމިކްގެ ހުރިހާ ފިޔަވަޅުތަކެއް ނެގުމުގެ ފުރުސަތު ފަހިވެފަ އެވެ.
އުތުރު އެމެރިކާގެ ހަތަރުވަނައަށް އެންމެ ބޮޑު ސިޓީ ޓޮރޮންޓޯއަކީ ސްޕެއާރ ހެޑިންގ ސަސްޓޭނަބިލިޓީ އިނިޝިއޭޓިވްތަކުގައި މުޅި ބައްރުގައިވެސް ލީޑުކުރަމުން އަންނަ އެއް ސިޓީ އެވެ.
އަދި މިސިޓީއަކީ ގްރީން ރޫފްސްއާއެކު ދޫންޏާއި ރައްޓެހި އިމާރާތްކުރުމުގެ ގައިޑްލައިންއެއް ކަނޑައަޅާ އިންފްރާސްޓްރަކްޗާގެ ސަބަބުން ހިޖުރަކުރާ ދޫނިތަކަށްވާ ގެއްލުން ކުޑަކުރުމަށް ގަވާއިދެއް ކަނޑައެޅި ފުރަތަމަ ސިޓީ އެވެ.
މިސިޓީން މިހާރު ވަނީ ލައިވް ގްރީން ޓޮރޮންޓޯ ކިޔާ އެއްޗެއް އުފައްދާ އޭގެ ދަށުން ކޮމިއުނިޓީ ޓޫލްސްއާއި ޕްރޮގްރާމްތަކުގެ އިތުރުން ގިނަ ހުއްދަތަކެއްދީފަ އެވެ. މިކަން އެސިޓީން ކުރަމުން އަންނަނީ ދުނިޔޭގެ އެންމެ ފެހިކަން ގަދަ ސިޓީތަކުގެ ތެރޭގައި ހިމެނުމުގެ އަޒުމުގަ އެވެ.
ޓޮރޮންޓޯގެ ގިނަ ރެސްޓޯރެންޓްތަކަކުން މިހާރު އަންނަނީ ލޯކަލީ ސޯސްކުރުމަށް ފޯކަސްކުރަމުންނެވެ. އަދި އޮންޓާރިއޯއިން އަންނަނީ އެ ޕްރޮވިންސްގެ ދަނޑުވެރިންނާއި އުފެއްދުންތެރިންނަށް ސަޕޯޓްކުރާ ރެސްޓޯރެންޓްތަކަށް "ފީސްޓް އޮން" ކިޔާ ސެޓްފިކެޓެއްވެސް ދެމުންނެވެ.
ޓޮރޮންޓޯއިން އަންނަނީ އެގައުމުން މިހާތަނަށް ތަންފީޒުކުރަމުން އަންނަ ހުރިހާ ފިޔަވަޅުތަކެއްގެ އޮންލައިން ސަމަރީއެއް މެއިންޓެއިންކުރަމުންނެވެ. އެއީ ތަނާއި އިވެންޓްގެ ގޮތުން މާސްކް މެންޑޭޓްސްއާއި ވެކްސިނޭޝަން ރިކުޔާރމެންޓްސްގެ އިތުރުން އެތަނަކަށް އެއްވެވޭ ލިމިޓް ޗެކްކޮށްގެން މެއިންޓެއިންކުރުމެވެ.
އެގޮތުން ބަލާއިރު އިންޑޯގައި ޑައިންކުރާނަމަ ޓޮރޮންޓޯއިން ވެކްސިނޭޝަން ޕްރޫފް ބޭނުންވެ އެވެ. އަދި ކޮންމެ ތަނެއްގައި ވެސް މާސްކް އަޅަން ޖެހެ އެވެ. އެހެންނަމަވެސް އިންޑޯ ތަނެއްގައި މާސްކް އަޅައިގެން ވަންނަކަމުގައިވީ ނަމަވެސް ވަދެ އިށީނުމަށްފަހު މާސްކް ނެގިދާނެ އެވެ.
ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިން ކެނެޑާއަށް ދަތުރުކުރާއިރު އެމީހެއްގެ ވެކްސިނޭޝަން ޕްރޫފް އެރައިވްކޭން އެޕަށް އެގައުމަށް އައުމުގެ ކުރިން އަޕްލޯޑްކުރަން ވާނެ އެވެ. އެގައުމަކީ ވެކްސިން ބަލައިގަތުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ގައުމެކެވެ.
އެގޮތުން އެގައުމުން ބަލައިގަންނަ ވެކްސިންތަކުގެ ތެރޭގައި ހިމެނެނީ ފައިޒާއާއި މޮޑާރނާގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން އަދި އެސްޓްރަޒެނެކާ އެކަންޏެވެ. އެހެންނަމަވެސް 30 ނޮވެމްބަރުން ފެށިގެން ސިނޮވެކް، ސިނޮފާމްގެ އިތުރުން ބާރަތް ބަޔޯޓެކްވެސް ކަރަންޓީން ނުވެ ދަތުރުކުރުމަށް ބަލައިގަންނަ ވެކްސިންތަކުގެ ތެރޭގައި އެގައުމުން ވަނީ ހިމަނާފަ އެވެ.