ކޮންމެ ރަށެއްގައިވެސް އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނެ ޖުމްލަ އަދަދާއި، އެ އުޅަނދެއް ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލާޒިމްކޮށްފިއެވެ.
މިގޮތަށް ލާޒިމްކޮށްފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އަލަށް އެކުލަވާލާ އަމަލުކުރަން ފެށި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދުގައެވެ.
މި ގަވައިދުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކާއި ސިނާއީ ރަށްރަށާއި ސަރަޙައްދުތަކުގައި ބޭނުންކުރުމަށްޓަކައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެވޭނެ އެންމެ ގިނަ އަދަދާއި އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު އެއިން ކޮންމެ ތަނަކަށް ވަކިން އަދި އެކި ބާވަތުގެ އުޅަނދުތަކަށް ވަކީން ކަނޑައަޅަންޖެހެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މި ގަވާއިދުގެ މަގްސަދަކީ ރާއްޖޭގެ ރަށްރަށާއި ސިޓީތަކާއި އެނޫންވެސް ސަރަހައްދުތަކުގައި ބޭނުންކުރެވޭނެ އުޅަނދުތަކުގެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ އަސާސީ މިންގަނޑުތަކާއި އެ މިންގަނޑުތަކާއި އެއްގޮތަށް އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްފަހު އެކަން ތަންފީޒުކުރުމުގައި އަމަލުކުރަންޖެހޭ އާންމު އުސޫލުތައް ބަޔާންކުރުންކަމަށެވެ.
އަދި ވަކިވަކި ރަށްރަށާއި ސިޓީތަކުގައި މި ގަވާއިދު ހިންގާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުންކަމަށާއި ސިނާއީ މަސައްކަތްތަކަށް ދޫކޮށްފައިވާ ސަރަޙައްދެއްގައިނަމަ މި ގަވާއިދު ހިންގާނީ އެ މިނިސްޓްރީންކަމަށްވެސް ވިދާޅުވިއެވެ.