ކޮވިޑް-19ގެ އާ ވޭރިއަންޓް އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުން އަންނަ ނެދަލެންޑްސްގައި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެ ގައުމުގައި ހަރުކަށި ލޮކްޑައުންއެއް އިއުލާނުކޮށްފި އެވެ.
ނެދަލެންޑްސްގައި އޮމިކްރޮން ފެތުރުން ހުއްޓުވުމުގެ ގޮތުން ރެސްޓޯރަންޓުތަކާއި ޕާކްތަކާއި އާންމުން ނުކުމެ އުޅޭ ހުރިހާ ތަންތަނާއި ސްކޫލްތަކާއި ސެލޫންތަކާއި ޖިމްތައް ފަދަ ތަންތަން ވެސް ބަންދު ކުރަން ވަނީ ނިންމައިފައެވެ.
އަދި ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ ތަކެތި ވިއްކާ ތަންތަން ނޫން ހުރިހާ ފިހާރައެއްވެސް ބަންދު ކުރަން ވަނީ ނިންމައިފައެވެ. މިތަންތަން ޖެނުއަރީ މެދެއްހާތަނާޖެހެންދެން ހުންނާނީ ބަންދުކޮށްފަ އެވެ.
ނެދަލެންޑްސްގެ ބޮޑުވަޒީރު މާކް ރޫޓޭ ވިދާޅުވީ މާދަމާ އިން ފެށިގެން ހަރުކަށި ފިޔަވަޅުތަކަށް އަމަލު ކުރަން ފަށާނެ ކަމަށާއި އާ ފިޔަވަޅުތަކާ އެކު ނެދަލެންޑްސްގެ ސަރުކާރުން ބޮޑަށް އިރުޝާދު ދެނީ ހުރިހާ އެންމެން ވެސް ގޭގައި ތިބުމަށެވެ.