ރައީސް އިބްރާހީމް މުހައްމަދު ސާލިހް ށ ގޮއިދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ގޮއިދޫ ކައުންސިލަރުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށްޓަކައި ބޭނުންވާ ކަންތައްތައް ރައީސް އާއި ހިއްސާކުރައްވާފައެވެ.
އެގޮތުން ބަނދަރާއި ސްކޫލުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުގެ ފަރާތުންވަނީ ވަރަށް ތަފްސީލުކޮށް ފާހަގަކުރައްވާފައެވެ. އަދި ރަށުގައި އެކަށީގެންވާ އެމްބިއުލާންސެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި އާ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުންތައް ކައުންސިލުން ފާހަގަކުރެއްވެވިއެވެ.
މީގެ އިތުރުން ރަށުގެ ޒުވާނުންގެ 70 އިންސައްތައަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތައްކަމަށްވާތީ ރަށާ ކައިރިން ރިސޯޓެއް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި ރަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ޢިމާރާތްކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.
ނަމަވެސް ކައުންސިލުންވަނީ މި ސަރުކާރުން ރިޔާސީ ކެމްޕެއިންގައި ވައުދުވީ ފަދައިން ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ގޮއިދޫގައި ތަރައްގީކުރަމުންގެންދާތީ ކައުންސިލާއި ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައިކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ ގޮއިދޫ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫއުތަކާއި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއި ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވާ އެކަންކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.