twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މަޖިލީހުގައި ތަގުރީރުކުރައްވަނީ

މުޙައްމަދު އަހުމަދު
Dec 20, 2021

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން މަޖިލީހުން ރުހުން ދީފި އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތަށް ބޭރު ގައުމެއްގެ ވެރިއަކު މަޖިލީހުގައި ތަގުރީރު ކުރެއްވޭނީ މަޖިލީހުގެ ރުހުން ލިބިގެންކަމަށްވާއިރު ޝައިހް ހަސީނާ ތަގުރީރުކުރައްވަން ހަމަޖެހިފައިވަނީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގަ އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަސީނާ ތަގުރީރު ކުރައްވަން ފެންނަ ކަމަށް 44 މެމްބަރަކު ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެންމެފަހުން ތަގުރީރު ކުރައްވާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އެމަނިކުފާނު ތަގުރީރުކުރެއްވީ 2019 ވަނަ އަހަރުގެ ޖޫން 28ގަ އެވެ.

އަންނަ ބުދަ ދުވަހު ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަސީނާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިދަތުރުފުޅުގައި ކުރިއަށް ދާނީ ދަތުރުފުޅުގެ ރަސްމީ މަސައްކަތްތަކެވެ. މި މަހުގެ 22 އިން 23 އަށް މިދަތުރު ކުރިއަށްދާނެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލު ކުރާށާއި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އެކަމަނާ މިދަތުރުފުޅުގައި ބޮޑު އިސްކަމެއް ދެއްވާނެ އެވެ.

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ ތިން ބިލިއަން ރުފިޔާ (200 މިލިއަން ޑޮލަރު)ގެ ލޯން ރަސްމީކޮށް އިއުލާންކުރާނެ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އަވަސް ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355