twitterviber whatsapp telegramfacebookyoutube instagram
30th April 2026

ނޮޅިވަރަމުގައި އޮތް މުބާރާތަކަށް ކަރަންޓީނުގައި ހުރި މީހެއް ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެ

Dec 20, 2021

ހދ ނޮޅިވަރަމުގައި އޮތް އިންޓަރ އޮފީސް ވޮލީ މުބާރާތުގައި ކުޅުމަށް ކޮވިޑް ކޭހަކާއި ޑައިރެކްޓް ކޮންޓެކްޓްވެ ކަރަންޓީން ހުރި މީހަކު އެރަށަށް ގެންދިޔަ މަސައްލައެއް ފެންމަތިވެއްޖެ އެވެ.

އެރަށު ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެރަށުގައި ބޭއްވި އިންޓަރ އޮފީސް ވޮލީ މުބާރާތުގައި ބައިވެރިވި ޕޮލިސް ޓީމަށް ކުޅުވުމަށްޓަކައި މޮނީޓަރިންނަށް ލާފައިވާ ރަށަކުން ކޮވިޑަށް ޕޮޒިޓިވްވި ކޭހަކާއި ޑައިރެކްޓް ކޮންޓެކްޓްވެ ކަރަންޓީނުގައި ހުރި ކުޅުންތެރިއަކު ގެނެސް ކުޅި މައްސަލަ ކުށްވެރި ކުރާކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭގެ އުސޫލުގައިވާ ގޮތުގެ މަތިން ކަރަންޓީނު ކުރެވިފައިވާ ފަރާތެއް އެއްރަށުން އަނެއްރަށަށް ބަދަލުކުރުމުގެ ކުރިން ހޯދަންޖެހޭ ހުއްދަތައް ހޯދާފައިނުވާކަމަށާއި މިކަންތައް ހިންގުމުގެ ކުރިން އެ ކައުންސިލުގެވެސް އެއްވެސް ހުއްދައެއް ހޯދާފައިނުވާކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިކަމުގެ ސަބަބުން ނޮޅިވަރަމުގެ ރައްޔިތުން ނުރައްކަލަށް ހުށައެޅިފައިވާކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ އެ އަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ގޮވާލާކަމަށެވެ.

އަދި އެފަދަ ކަންކަންކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެކައުންސިލުން ފަސްނުޖެހޭނެކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355