twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހަށިގަނޑަށް ޕްރޮޓީން މުހިންމުވަނީ ކީއްވެ؟

މުޙައްމަދު އަހުމަދު
Dec 26, 2021

އިންސާނާގެ ހަށިގަނޑު އެންމެ ފުރިހަމަ ގޮތުގައި ހިނގުމަށް އެތައް މާއްދާއެއް ހަށިގަނޑަށް ބޭނުންވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކަށް ޕްރޮޓީންވާނެ އެވެ. އެހެންނަމަވެސް ޕްރޮޓީންއަކީ ކޯޗެއް ކަމާއި އިންސާނާއަށް ޕްރޮޓީން ބޭނުންވަނީ ކޮން ސަބަބުތަކަކާހުރެ ކަން ނޭނގޭ ގިނަ ބަޔަކު އުޅެ އެވެ.

ޕްރޮޓީން އަކީ ދިރުންހުރި ހުރިހާ އެއްޗަކަށް ބޭނުންވާ މުހިއްމު މާއްދާ އެކެވެ. ގަސްގަހާގެއްސާއި، ޖަނަވާރުގެ ހަށިގަނޑުގައި ވެސް ޕްރޮޓީން އެކުލެވެ އެވެ. ނަމަވެސް މިދެބާވަތުން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން ތަފާތެވެ.

މިއީ ހަށިގަނޑު ބިނާކުރުމަށާއި، މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި ކަމުގައި ބެލެވޭއިރު ހަށިގަނޑުގެ ހުރިހާ ސެލޯށި އެއްގައި އާއި، ދިރު ތަކުގައި ޕްރޮޓީން އެކުލެވިގެންވެ އެވެ. ހަށިގަނޑުގެ މަސްތަކާއި، ސެލޯށި ތަކާއި، ލޭފަދަ މުހިއްމު ހުރިހާ ދިޔަވަރު ހެދިފައިވަނީ ޕްރޮޓީން އެކުލެވިގެންނެވެ.

މީގެ އިތުރުން އެންޒައިމް އާއި ހޯރމޯންގެ ގޮތުގައި އުފެދިފައިވާ ޕްރޮޓީންތައް ހަށިގަނޑުގެ އެކި ގުނަވަންތައް ހިންގުމުގެ މަސައްކަތުގައި ހަށިގަނޑުގެ ހުރިހާ ދިމާއެއްގައި ހަރަކާތްތެރިވަމުންގެންދާއިރު އެހެންކަމަށްވުމުން މިއީ ހަށިގަނޑަށް ބޭނުންވާ އެންމެ މުހިއްމު ބަޔަށް ވެގެން އެބަދެ އެވެ. އަދި މިއީ ފުދޭ ވަރަށް ކާނާގައި ކޮންމެހެން ހިމަނަންޖެހޭ ބައެކެވެ.

ކާނާއެއްގެ ފޭރާން ހެޔޮވަރުތޯ ބަލަންގެންގުޅޭ އެންމެ މުހިއްމު މިންގަނޑަކީ އެކާނާއެއްގައި ޕްރޮޓީން އެކުލެވިގެންވާ މިންވަރުކަމުގައިވާއިރު ޕްރޮޓީން އުފެދިފައިވަނީ ނައިޓްރިޖަން، ކާބަން، ހައިޑްރިޖަން، އަދި އޮކްސިޖަން އެކުލެވިގެންނެވެ. ހަށިގަނޑުގައި ކޮށާރު ކުރެވިފައި ހުންނަ ކާބޯހައިޑްރޭޓް އާއި ފެޓް އަކުން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން އުފައްދައެއް ނުދެވެ އެވެ. އެއީ މިދެބާވަތުގައި ނައިޓްރިޖަން އެކުލެވިފައި ނުވާތީ އެވެ.

ކޮންމެ ޕްރޮޓީން މޮލާރި ނުވަތަ ޕްރޮޓީން މޮލެކިއުލްއެއް އުފެދިފައި ހުންނަނީ ގެތިފައިވާ އެމިނޯއެސިޑް ތަކަކުންނެވެ. އިންސާނާގެ ހަށިގަނޑުގައި އެމިނޯއެސިޑްގެ ތަފާތު 20 ވައްތަރު ހުރެ އެވެ. ކޮންމެ ޕްރޮޓީން އެއް އުފެދިފައި ހުންނަނީ މީގެތެރެއިން ތަފާތު އެމިނޯއެސިޑް އެކި އަދަދަށް އެކިފަރުމާތަކަށް ގެތިގެންކަމަށްވީއިރު ކާބޯތަކެތި ހަށިގަނޑަށް އެތެރެވުމުން ހަޖަމުކުރުމުގެ ތެރޭގައި ޕްރޮޓީންގައި އެކުލެވޭ އެމިނޯއެސިޑްތައް ބައިބައިވެގެން ގޮހޮރުގެ ތެރެއިން ލޭގެ ތެރެއަށްދެ އެވެ. ލޭގެ ޒަރީއާއިން އެމިނޯއެސިޑްތައް ދިރުތަކަށް ފޯރުމުން ތަފާތު އެމިނޯއެސިޑްގެ ފުއްތަކުން އިންސާނީ ޕްރޮޓީންގެ ހާރު ގަތާލާ ބޭނުންނުހިފޭ ފުއްތައް ނަޖިހާއެކު ހަށިގަނޑުން ބޭރުކޮށްލަ އެވެ.

ކާނާއިން ލިބޭ އެމިނޯއެސިޑް ބޭނުންކޮށްގެން، ހަށިގަނޑަށް ބޭނުންވާ ތަފާތު 20 އެމިނޯއެސިޑްގެ ތެރެއިން 11 ވައްތަރުގެ އެމިނޯއެސިޑް ދިރު ތަކުން އުފައްދައެވެ. މިބާވަތުގެ އެމިނޯއެސިޑް އަށް ކިޔަނީ މުހިއްމު ނޫން އެމިނޯއެސިޑެވެ. ހަށިގަނޑުން އުފައްދައިނުދެވޭ 9 ވައްތަރެއްގެ އެމިނޯއެސިޑް ހުންނައިރު މިބާވަތުގެ އެމިނޯއެސިޑް އަށް ކިޔަނީ މުހިއްމު އެމިނޯއެސިޑެވެ. މިބާވަތުގެ އެމިނޯއެސިޑް ޖެހެނީ ކާބޯތަކެތިން ހޯދާށެވެ.

އެހެންނަމަވެސް އެކިބާވަތުގެ ކާނާއިން ހަށިގަނޑަށް ލިބޭ ޕްރޮޓީންއާއި އޭގެ މިންވަރު ތަފާތެވެ. މިސާލަކަށް ހަނޑުލުން ލިބޭ ޕްރޮޓީން އާއި، ތަރުކާރީން ލިބޭ ޕްރޮޓީން މިނޫން ވެސް އެހެނިހެން އެއްޗެހިން ލިބޭ ޕްރޮޓީންއާއި އޭގެ މިންވަރު ތަފާތެވެ.

އެހެންކަމަށްވީ ނަމަވެސް ޖަނަވާރުންގެ ހަށިގަނޑުން އުފައްދާ މުހިއްމު އެމިނޯއެސިޑްގެ އަދަދު އިންސާނާއަށް ބޭނުންވާ ޕްރޮޓީންގައި ހުންނަ މުހިއްމު އެމިނޯއެސިޑް ގެ އަދަދާއި ދާދި އެއްވަރެވެ. މިހެންކަމުން ޖަނަވާރުން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީންއަށް "ބަހާހަމަ" ޕްރޮޓީން އޭ ކިޔަ އެވެ.

ގަސްގަހާގެހިން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީންގައި މުހިއްމު އެމިނޯއެސިޑް ގެ އަދަދު ޖަނަވާރުން ލިބޭ ކާބޯތަކެއްޗަށްވުރެ، ނުވަތަ އިންސާނާގެ ހަށިގަނޑުގައި އުފައްދާ ޕްރޮޓީން ގައި ހުންނަ މުހިއްމު އެމިނޯއެސިޑް ގެ އަދަދަށްވުރެ މަދުކަން ފާހަގަކުރެވެ އެވެ. މިހެން ކަމުން ގަސްގަހާ ގެހިން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން އަށް "ބަހާއުނި" ޕްރޮޓީން އޭ ކިޔައެވެ.

ޕްރޮޓީންގެ ވަޒީފާ/ ދަ ޖޮބް އޮފް ދި ޕްރޮޓީން:

ހަށިގަނޑަށް ޕްރޮޓީން ބޭނުންވާ ކަންތައްތައް ބައިވަރެވެ. އެއީ:

1. އައު ސެލޯށިތަކާއި ދިޔަވަރުތައް އުފެއްދުމަށް: މިއީ ހާއްސަކޮށް ފުރާވަރަށް އަރަމުން އަންނަ ކުދިންނަށާއި، މާބަނޑު އަންހެނުންނާއި، ކިރުދޭ މައިންނަށް ވަރަށް ބޭނުންތެރި ކަމެކެވެ.

2. އުނިވާ އެމިނޯއެސިޑްތައް އަނބުރާ ލިބިގަތުމަށް: ހަށިގަނޑުގައި ހުންނަ ބައެއް ދިރުތައް މަރުވުމުން އެދިރުތަކުގައިވާ އެމިނޯއެސިޑް ތަކުން ބައެއް ކުޑަކަމުދާ ތަކެއްޗާއި އެކުވެގެން ހަށިގަނޑުން ބޭރުވެގެންދެ އެވެ. އަދި ބައެއް ބަލިޖެހުމުން ހަށިގަނޑުން އެމިނޯއެސިޑް ބޭނުންވާ މިންވަރު އިތުރުވެ އެވެ. މިހެން ކަމުން ކޮންމެ މީހަކުވެސް ހަށިގަނޑުން އުނިވާ އެމިނޯއެސިޑް އަނބުރާ ހޯދުމަށް އިތުރު ޕްރޮޓީން ކާންޖެހެ އެވެ.

3. ދިރު ތަކުގައި މަސައްކަތް ހިންގުމަށް : ހަށިގަނޑުގައިވާ ދިރުތަކުގެ މަސައްކަތް އަދާކުރުމުގައި އެންމެ ބޮޑަށް އެހީތެރިވެދެނީ އެކަމަށް ހާއްސަ ޕްރޮޓީން އެވެ.

4. ތަފާތު ބަލިތަކުން ހަށިގަނޑު ދިފާއުކުރުމަށް : އިންސާނާގެ ހަށިގަނޑަށް ވަންނަ އެކި އެކި ވައިރަސްތަކާއި، ބެކްޓީރިޔާ ނައްތާލުމަށް އުފައްދާ "ހަށިދަމަނަ"އަކީ އެކަމަށް ހާއްސަ ޕްރޮޓީން އެކެވެ.

5. ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށް: ހަށިގަނޑަށް ބޭނުންވާ ހަކަތަ ފުރަތަމަ ހޯދަނީ ކާބޯސް އިންނެވެ. ދެން ފެޓް އިންނެވެ. މިދެބައި ކެއުމުގައި މަދުވެއްޖެނަމަ މަސްތަކުގައި ހުންނަ ޕްރޮޓީންތައް ވިރި ހަކަތައަށް ބަދަލުވެ އެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ކެވޭ ޕްރޮޓީން ހަށިގަނޑުގައި ކޮށާރުކުރަނީ ފެޓްގެ ގޮތުގައި ކަމަށްވާއިރު ހަށިގަނޑު ހިންގުމަކީ ހަށިގަނޑު ބިނާކުރުމަށްވުރެ މުހިއްމުކަމަކަށްވާތީ ކާބޯހައިޑްރޭޓްގެ ގޮތުގައި ނުވަތަ ފެޓްގެ ގޮތުގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ނުލިބޭނަމަ، ކޮށާރުކުރެވިފައި ހުރި ފެޓް އިން ހަކަތަ ހޯދަ އެވެ. މިބައި ހުސްވުމުން ދެން ހަކަތަ ހޯދަނީ މަސްތަކުގައި ހުންނަ ޕްރޮޓީން އިންނެވެ. ކެއިންބުއިން މާމަދުކޮށްލުމުން ހަށިގަނޑު އަނަރޫފަވަނީ މިހެން ވެގެންނެވެ. އަދި ކާން ފުދޭވަރަށް ނުލިބޭ ކުދިން ބޮޑުނުވަނީ ވެސް މިހެން ވެގެންނެވެ.

ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންގެ މިންވަރު ބިނާވެފައިވަނީ އެމީހެއްގެ އުމުރާއި، ޖިންސާއި، ސައިޒެއްގެ މައްޗަށެވެ. އަދި ކުޑަކުދިންނާއި މާބަނޑު މީހުންނަށް ބޭނުންވާ ޕްރޮޓީންގެ މިންވަރު އިތުރުވާނެ އެވެ. އެއީ އައު ދިރުތައް އަވަހަށް އިތުރުކުރަން ބޭނުން ޖެހިފައިވާތީ އެވެ. އެމީހެއްގެ ކެއުމުގައި އެކުލެވޭ ކާނާގެ ބާވަތުން ވެސް ދުވާލެއްގެ ކެއުމުގައި ހިމަނަންޖެހޭ ޕްރޮޓީންގެ މިންވަރު ތަފާތުވެ އެވެ.

ޖަނަވާރު ތަކުން ލިބޭ "ބަހާހަމަ" ޕްރޮޓީން އެކުލެވޭ ކާނާ ބޭނުންކުރާނަމަ، ކެއުމުގައި ހިމަނަންޖެހޭ ޕްރޮޓީންގެ މިންވަރު މަދުވާނެ އެވެ. ނަމަވެސް ގަސްގަހާގެހިން ލިބޭ "ބަހާއުނި" ޕްރޮޓީން އެކުލެވޭ ކާނާ ބޭނުންކުރާނަމަ ކާންޖެހޭ ވައްތަރާއި މިންވަރު އިތުރުކުރަންޖެހެ އެވެ.

މަތީގައި ބަޔާންކޮށްފައިވާ ގޮތަށްބަލާއިރު ކާނާގައި ހިމަނަންޖެހޭ ޕްރޮޓީން އެކަށައެޅުމުގައި ކާނާގެ ބާވަތަށް ވެސް ބަލަންޖެހެއެވެ. އެއީ ތަފާތު ކާނާގެ ބާވަތްތަކުން ހަށިގަނޑަށް ބޭނުންކުރެވޭ ޕްރޮޓީންގެ މިންވަރު ތަފާތުވާތީ އެވެ. ތަފާތު ކާނާއިން ލިބޭ ޕްރޮޓީން މިނަން ގެންގުޅޭ ނާޅިއަކަށް ބޭނުންކުރަނީ ކުކުޅު ބިހެވެ. އެއީ އިންސާނުންގެ ޕްރޮޓީން އާއި ބިހުގެ ޕްރޮޓީން އުފެދިފައި ހުންނަނީ ދާދި އެއް އެމިނޯއެސިޑް ތަކަކުން ކަމަށްވާތީ އެވެ.

ކުކުޅު ބިހުގެ ޕްރޮޓީންއިން ލިބޭ އެމިނޯއެސިޑް ތަކުން އިންސާނީ ޕްރޮޓީންގެ ހާރެއް ގަތާލުމަށްފަހު، އެންމެ ފުކެއް ނޫނީ ބާކީވެގެން ނުދާކަމަށްވެ އެވެ. އެހެންނަމަވެސް ތަރުކާރީ ޕްރޮޓީންއިން ލިބޭ އެމިނޯއެސިޑްތަކުން އިންސާނީ ޕްރޮޓީންގެ ހާރެއް ގަތާއިރު ވަރަށް ގިނަ ފުއް ބާކީވެ އެވެ.

މިހެންވީމާ ބޮޑުމީހަކަށް ދުވަހަކަށް، ހަށިގަނޑުގެ ބަރުމިނުގެ ކޮންމެ ކިލޯގްރާމަކަށް ބިހުގެ ޕްރޮޓީންގެ 0.7 ގްރާމުން ފުދޭއިރު، ޖުމުލަ ގޮތެއްގައި ތަރުކާރީ ޕްރޮޓީންގެ 1 ގްރާމުން ނޫނީ ނުފުދެ އެވެ.

ކެއުމުގައި އެކުލެވޭ ފައިބަރުގެ މިންވަރުންވެސް ކެއުމުގައި ހިމަނަންޖެހޭ ޕްރޮޓީންގެ މިންވަރަށް ބަދަލު އަންނައިރު އެއީ އެމިނޯއެސިޑް އުފެދެނީ ޕްރޮޓީން ހަޖަމުކުރެވިގެންކަމަށްވާތީ އެވެ. ކެއުމުގައި ފައިބަރު މަދުނަމަ، ޕްރޮޓީން ހަޖަމުކުރެވޭލެއް ގިނަވާނެ އެވެ. އަދި ފައިބަރު ގިނަ ކެއުމެއް ކައިފިނަމަ ޕްރޮޓީން ހަޖަމުކުރެވޭލެއް މަދުވާނެ އެވެ. މިކަން މިހެން ހުއްޓަސް ފައިބަރުން ލިބޭ ފައިދާ ގިނަކަމުން ކެއުމުގައި ފައިބަރު ހިމެނުން މަދުކޮށްގެން ނުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355