twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގިނަ ބަޔަކަށް ޖެހޭ ބައްޔެއް، ސައިނަސްއަށް ކުރެވިދާނެ ފަރުވާތަކަކީ ކޮބާ؟

މުޙައްމަދު އަހުމަދު
Jul 17, 2022

އިންސާނާގެ ހަށިގަނޑަށް އެކި ކަހަލަ ހާލަތްތަކާ ބަލިތައް ވެސް ކުރިމަތިވެ އެވެ. އެއިން ދިފާއުވާނެ ގޮތް ވެސް އެނގުން މުހިންމެވެ. އެގޮތުން މި ބަލާލަނީ ސައިނަސް އަށެވެ.

ސައިނަސްއަކީ ނޭފަތާ އޭގެ ވަށައިގެން ވައިކޮތަޅުތަކުގެ އެތެރެއިން ލެވިފައިވާ ތެތް ދުލިފަށް ތަކުގައި އިންފެކްޝަން އަށަގަނެ ދުޅަވުމެވެ. މި ވައިކޮތަޅުތަކަކީ ލޮލާއި، ނޭފަތުގެ ވަށައިގެން ކައިރީގައި، އަދި ކޯތާފަތުގައި، ހުންނަ ކުދިކުދި ވައިކޮތަޅު ތަކެކެވެ. އެންމެ ވައިކޮތަޅެއްގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ދުޅަވި ނަމަވެސް، ސައިނަސް ޖެހިފައިވާ ކަމުގައި ބެލެވިދާނެ އެވެ.

ވައިކޮތަޅު ތަކުގައި އިންފްލެމޭޝަން އުފެދުމުން، އެކޮތަޅުތައް ދުޅަވެ، އެއިން ބޭރުކުރާ ދިޔަތައް، ނޭފަތާއި އަރުގެ ތެރެއަށް ވާސިލްވުމަށް ހުރަސް އަޅަ އެވެ. ނަތީޖާއެއްގެ ގޮތުން ވައިކޮތަޅުތަކުގެ އެތެރޭގެ ޕްރެޝަރު މަތިވެ، ރިހުން އުފެދޭގޮތްވެ އެވެ. ވައިކޮތަޅުތަކުގެ އެތެރޭގައި އުފެދޭ ދިޔަތައް ބޭރުވާ ގޮތް ނުވާނަމަ، ބެކްޓީރިޔާ އަދި ފަންގަސް ފަދަ ޖަރާސީމްތައް ވައިކޮތަޅުތަކުގެ ތެރޭގައި އަށަގަތުމަށް މަގުފަހިވެ އެވެ.

އަރިދަފުސް ރޯގާގެ ސަބަބުން މިބުނި ވައިކޮތަޅުތައް ބެދުމަކީ އެކަށީގެންވާ ކަމެކެވެ. އަރިދަފުސް ރޯގާ ޖެހުމަށްފަހު ބައެއް ފަހަރު ސައިނަސް އަށް ބަދަލުވުމަކީ ވެދާނެ ގޮތެކެވެ. އާންމު ގޮތެއްގައި އަރިދަފުސް ރޯގާއާއި ގުޅިގެން ކުރިމަތިވާ އުދަގޫތައް 7 - 5 ދުވަހުގެ ތެރޭގައި ރަގަޅުވެ އެވެ. ސައިނަސްގެ އުދަގޫތައް ދިގުދެމިގެންދެ އެވެ. އަދި 7 ދުވަސް ވުމަށްފަހު އިތުރަށް ނުރައްކާވެގެންދެ އެވެ.

ސައިނަސް ޖެހޭގޮތް:

ވައިކޮތަޅުތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ދުޅަވެ، ވައިކޮތަޅުތަކުން ބޭރުވާ ދިޔަ، ނޭފަތާއި އަރުތެރެއަށް ވާސިލްވުމަށް ހުރަސް އަޅައެވެ.
ތެތްދުލިފަށް ތަކުން ބޭރުވާ ދަވަ، އަދި ދިޔަ ވައިކޮތަޅު ތަކުގެ އެތެރޭގައި ޖަމާވެ، އޭގައި ޕްރެޝަރު އުފެދި ރިހުން (މޫނުގައި ރިހުން) ކުރިމަތި ކުރުވަ އެވެ.

ވައިކޮތަޅުތަކުގެ ތެރޭގައި ޖަމާވެފައިވާ ދިޔަ ބޭރުކުރުމަށް ނުކުޅެދުމުން ވައިކޮތަޅު ތަކުގެ ތެރޭގައި ބެކްޓީރިޔާ، ފަންގަސް ފަސޭހަކަމާއެކު، އަށަގަނެ، އާލާވާގޮތްވެ އެވެ. ނަތީޖާއެއްގެ ގޮތުން، ދޮސް، އަރިދަފުސް، އަދި ދަވަ އުފެދި، ނޭފަތާއި ވައިކޮތަޅުތައް ބެދި، ދުޅަވެ، ސައިނަސްގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ފެންނަށް ފަށަ އެވެ.

ސައިނަސް ޖެހުމަށް މެދުވެރިވާ ސަބަބު އަދި މަގުފަހިކުރާ ކަންތައްތައް:

ސަބަބުތައް:

1. ވައިރަސް އިން ޖެހޭ ބަލިތައް: ވައިރަހުން ޖެހޭ އިންފެކްޝަން ތަކުގެ ސަބަބުން ވައިކޮތަޅު ތަކާއި ނޭފަތުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށަލައިގައި އިންފްލެމޭޝަން އުފެދޭގޮތްވެ އެވެ.

2. ބެކްޓީރިޔާ އިން ޖެހޭ ބަލިތައް: މިއީވެސް ސައިނަސްޖެހުން މެދުވެރިކުރުވާ ސަބަބެކެވެ.

3. ފަންގަސް އިން ޖެހޭ ބަލިތައް: ފަންގަސް ގެ ސަބަބުން ވެސް ސައިނަސް ޖެހެ އެވެ.

4. ނޭފަތަށް ދިމާވާ ނުގުޅޭ އަސަރުތައް ނުވަތަ އެލާރޖީ

5. ނޭފަތުގައި ޕޮލިޕް އުފެދުން

6. ނޭފަތުގައި އެއްޗެއް ތާށިވުން

7. ނޭފަތުގެ ވަސްކަށި އެއްއަރިއަކަށްޖެހުން ނުވަތަ ނޭފަތް އެއްއަރިއަކަށްޖެހިފައި އިނުން

8. ދުންފަތުގެ އިސްތިއުމާލުކުރުން

9. ފިނިވެއްޓަކަށް ހުށަހެޅުން ނުވަތަ މާބޮޑަށް ފިނި މާހައުލެއްގައި އުޅެންެޖެހުން

10. ވައިނުސާފުވުން

11. ކުއްލިއަކަށް ވައިގެ ޕްރެޝަރަށް ބަދަލުއައުން

މަގުފަހިކުރާ ކަންތައްތައް:

1. ދަތުގެ މައްސަލަތައް:

މަތީ ކޮލުދަތް ތަކުގައި އިންފެކްޝަން އަށަގަތުމަކީ ބައެއް ފަހަރު މެކްޒިލަރީ ސައިނަސް ގައި އިންފެކްޝަން އަށަގަތުމަށް މަގުފަހިވާ ކަމެކެވެ. އެއީ މިބުނި ދަތްތައް (ކޮލުދަތްތައް) ހުންނަނީ މެކްޒިލަރީ ސައިނަސްގެ ތިރިން ކަމުގައިވާތީ އެވެ. ކޮލުދަތްތަކުގެ ބުޑާއި، މެކްޒިލަރީ ސައިނަސް އާއި ދެމެދުގައިވާ ކަށީގެ ފާރު ތުނިވުމަކީ ދަތުގައި އުފެދޭ އިންފެކްޝަން މެކްޒިލަރީ ސައިނަސް އަށް ވާޞިލްވުމަށް އެހީވެދޭ ކަމަކަށްވެ އެވެ. ސައިނަސް (މެކްޒިލަރީ ސައިނަސް ދުޅަވުން ) ގެ ސަބަބުން ދަތުގައި ރިހުން ކުރިމަތިވަނީ މިސަބަބާއި ހުރެކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

2. އުދުހުން އަދި ފީނުން:

މަތިންދާ ބޯޓުން ދަތުރުކުރުމަށްފަހު، ނުވަތަ އަޑިއަށް ފީނުން، ޑައިވްކުރުމަށްފަހު ބައެއް މީހުންނަށް ސައިނަސް ޖެހުން ކުރިމަތިވާގޮތްވެ އެވެ. މިއީ ވައިގެ ޕްރެޝަރަށް ބަދަލުއައުމުންވާ ކަމެކެވެ. ބޯޓް ނައްޓާލާއިރު ކަންފަތުގެ އެތެރޭގެ ޕްރެޝަރަށް އަންނަ ބަދަލު އަހަރެމެންނަށް ފާހަގަކުރެވޭނެ އެވެ. އެއީ ކަންފަތް އަދި ނޭފަތް އާއި ދެމެދުގައި އިންނަ ވައި ހޮޅި ޕްރެޝަރަށް އަންނަ ބަދަލު ހަމަހަމަކުރުމަށް މަސައްކަތް ކުރާތީ އެވެ. މިގޮތަށް މަސައްކަތްކުރަނީ ޕްރެޝަރަށް އަންނަ ބަދަލުގެ ސަބަބުން އެހިސާބުގައިވާ ނާޒުކު ބައިތަކަށް ގެއްލުންވިޔަ ނުދިނުމަށްޓަކަ އެވެ. ވައިގެ ޕްރެޝަރަށް ބަދަލުއައުމަކީ ވައިކޮތަޅު ތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ދުޅަވެ، އިންފެކްޝަން އަށަގަތުން މެދުވެރިކުރުވާ ކަމެކެވެ. އަރިދަފުސް ރޯގާ ޖެހިފައިވާނަމަ މިކަން އިތުރަށް ނުރައްކާވެގެންދެ އެވެ.

3. ބަލިވެއިނުން:

މާބަނޑު ދުވަސްވަރު ވަރަށް ގިނަ އަންހެނުންނަށް ނޭފަތުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ދުޅަވެ، ނޭފަތުން އަރިދަފުސް ބޭރުވާގޮތްވެ އެވެ. މިއީ މާބަނޑުވުމުން ހޯރމޯން އަށް އަންނަ ބަދަލަކާއި ގުޅިގެން ކުރިމަތިވާ ކަމެއްކަމަށްވަނީ ފާހަގަކުރެވިފަ އެވެ. ބަޔާންކުރެވުނުގޮތަށް ނޭފަތުގައި އިންފްލެމޭޝަން އުފެދި ދުޅަވުމަކީ ސައިނަސްޖެހުމަށް މަގުފަހިވެގެންދާ ކަމެކެވެ. އަދި މިހާލަތުގައި ފަރުވާކުރުން އޮންނަނީ އުދަގޫކަމަކަށް ވެފަ އެވެ. އެއީ މާބަނޑު ދުވަސްވަރު ކޮންމެ ކޮންމެ ބޭހެއްނެގުން އުދަގޫކަމަށްވާނެތީ އެވެ.

4. ދިފާއީ ނިޒާމްގެ ބާރުދަށްވުން:

ދިފާޢީ ނިޒާމްގެ ބާރު އާންމު ގޮތެއްގައި ދަށްވަނީ ކެންސަރު ފަދަ ބައްޔަކަށް ފަރުވާކުރުމަށް ކީމޯތެރަޕީ ނެގުން، ރޭޑިއޭޝަންގެ ފަރުވާ ލިބިގަތުން، ގުނަވަނެއް ބަދަލުކުރުން، އެއިޑްސް ޖެހުން ފަދަ ހާލަތްތަކުގަ އެވެ. ދިފާޢީ ނިޒާމްގެ ބާރުދަށްވުމުން ވައިކޮތަޅުގައި ތަފާތު ޖަރާސީމް އަށަގަތުމަށް މަގުފަހިކުރުވަ އެވެ. އަދި މިއީ އިންފެކްޝަންތަކާއި ހަށިގަނޑު ހަނގުރާމަކުރުމަށް ހުރަސްތަކާއި ކުރިމަތިކުރުވާނެ ކަމެކެވެ. އެހެންކަމުން މިފަދަ މީހަކަށް ސައިނަސް ޖެހިއްޖެނަމަ ވީއެންމެ އަވަހަށް ފަރުވާ ދިނުމަކީ މުހިއްމު ކަމެކެވެ. އަދި ފަރުވާނުކޮށް ދޫކޮށްލައިފިނަމަ އިންފެކްޝަން ލޯ އަދި ސިކުނޑިއަށް ވާސިލްވުމަކީ ވެދާނެ ގޮތެކެވެ.

5. ނޭވަޔަށް އުދަގޫކުރުން:

ނޭވަޔަށް އުދަގޫކުރުން، ނުވަތަ ނޭވާހިއްލުން ހުރުމަކީ ނޭފަތުގައި ޕޮލިޕް އުފެދުން، ނުގުޅޭ އަސަރު ކުރިމަތިވުން، އަދި ސައިނަސް ޖެހުން މެދުވެރި ކުރުވާކަމެއްކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. އަދި ސައިނަސް ޖެހިއްޖެނަމަ ބައެއް ފަހަރު ވައިނޮޅީގައި އަރިދަފުސްތައް ޖަމާވެ، ނޭވާހިއްލުން އިތުރަށް ނުރައްކާވެގެން ދިއުމަކީ ވެދާނެ ގޮތެކެވެ.

ސައިނަސް ޖެހުމުން ކުރިމަތިވެދާނެ އުދަނގޫތައް:

އާންމު އަލާމާތްތައް:

ސައިނަސް ޖެހުމުން ފެންނާނެ އެންމެ އާންމު ދެ އަލާމާތުގެ ތެރޭގައި ހިމެނެނީ ނޭފަތުން ފެންފޭބުމާއި މޫނުގެ މަސްތަކަށް ފިތި ވާންވެ މޫނުގައި ރިހުން އެވެ. ބައެއްފަހަރު ނޭފަތުން ބޭރުވާ ދަވަ، ނުވަތަ އަރިދަފުސް ރީނދޫ ނުވަތަ ފެހި ކުލައިގައި ހުރެދާނެ އެވެ.

ކުރިއަށް ލެންބުން، ބޯ އެކި ފަރާތްފަރާތަށް އެނބުރުން، ހެލުވުން ފަދަ ކަންތައްތަކުގެ ސަބަބުން މޫނުގައި އުފެދިފައި ހުންނަ ރިހުން އިތުރުވާގޮތްވެ އެވެ. މީގެ އިތުރުން ބައެއް ފަހަރު މޫނުގައި ބީހިލުމުން ވެސް ރިހުން އިތުރުވާގޮތްވެ އެވެ.

ސައިނަސް ޖެހުމުން ކުރިމަތިވެދާނެ އިތުރު އުދަނގޫތަކުގެ ތެރޭގައި ބޮލުގައި ރިހުން، އަނގައިން ނުބައިވަސް ދުވުން، ހުންއައުން، ދަތުގައި ރިހުން، އަރިދަފުސް އައުމާއެކު ކެއްސުން، އަދި އެއްޗެހީގައި ރަހަ ނުލުމާއި، ވަސްނުދުވުން ފަދަ ކަންތައްތައް ހިމެނެ އެވެ.

މޫނުގައި ރިހުން އުފެދޭ ހިސާބު:

މިކަން ބަރޯސާވެފައި އޮންނަނީ ސައިނަސްގެ އަސަރުކޮށްފައިވާ ވައިކޮތަޅެއްގެ މައްޗަށެވެ.

1. މެކްޒިލަރީ ސައިނަސް ދުޅަވުން: ރިހުން ހުންނާނީ ލޮލުގެ ތިރިން، މޫނުގެ މެދާއި، ކޯތާފަތާއި، މަތީ ދަތްޕިލަ ހިމެނޭ ހިސާބުގަ އެވެ.

2. ފްރަންޓަލް ސައިނަސް ދުޅަވުން: ރިހުން ހުންނާނީ ބުމައިގެ މަތިން ނިއްކުރީގަ އެވެ.

3. ސްފީނޮއިޑް ސައިނަސް ދުޅަވުން: ރިހުން ހުންނާނީ ލޮލުގެ ފަހަތާއި ބޮލުގެ ދެފަރާތުގައި ނުވަތަ ބޮލުގެ ފަހަތުގަ އެވެ.

4. އެތްމޮއިޑް ސައިނަސް ދުޅަވުން: ރިހުން ހުންނާނީ ލޮލުގެ ވަށައިގެން ނުވަތަ ލޮލުގެ ފަހަތުގައެވެ. ނުވަތަ ދެލޮލުގެ މެދުގައި ނޭފަތާއި ކައިރިވީ ހިސާބުގަ އެވެ.

މިއަށް ސައިނަސްގެ އެކި ވައްތަރުތަކޭ ވެސް ކިޔިދާނެ އެވެ.

ކުޑަކުދިންނަށް ސައިނަސްޖެހުން:

ކުޑަކުދިންނަށް ސައިނަސް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ނޭފަތުން ފެން އަދި އަރިދަފުސް ފޭބުން، ބޮލުގައި ރިހުން، މޫނުގައި ރިހުން، ކެއްސުން ފަދަ ކަންތައްތައް ހިމެނެ އެވެ. މިއުދަގޫތައް 10 - 7 ދުވަހުގެ މުއްދަތަކަށް ދެމިހުރެ އެވެ. ބައެއް ކުދިންނަށް ނުގުޅޭ އަސަރު ނުވަތަ އެލާރޖީ، އަދި ކަންފަތުގެ އިންފެކްޝަން ފަދަ މައްސަލަތައް ދިމާވުމަކީ ވެދާނެ ގޮތެކެވެ.

ފަރުވާގެ މައިގަނޑު އަމާޒު:

1. ކަރުތެރެ، ނޭފަތުގައި ހުރި ދަވަތައް ބޭރުކޮށް، ވައިކޮތަޅުގައި އުފެދިފައި ހުރި ދުޅަ ތިރިކުރުން

2. މޫނު އަދި ބޮލުގައި ހުރި ރިހުން ކުޑަކުރުން

3. އިންފެކްޝަންގެ އަސަރު ފިލުވާލުން

4. ނޭފަތް އަދި ވައިކޮތަޅު ތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ދާއިމީ ސިފައެއްގައި ހަލާކުވިޔަނުދިނުން

އާންމުގޮތެއްގައި ސައިނަސް ޖެހުމުން ބޭސް ދެނީ ބެކްޓީރިޔާގެ ސަބަބުން ސައިނަސް ޖެހުން މެދުވެރިވެފައިވާނަމަ އެވެ. ފަރުވާ ކުރެވޭ މުއްދަތު ސައިނަސް ޖެހިފައިވާ މިންވަރާއި ގުޅިގެން ތަފާތުވެ އެވެ. ކުރުވެގެން 3 ދުވަހުގެ މުއްދަތުން ފެށިގެން ދިގުވެގެން ދެތިން ހަފްތާގެ މުއްދަތަށް ވެސް މިބައްޔަށް ފަރުވާ ކުރަންޖެހިދާނެ އެވެ.

މިކަމަށް ގޭގައި ކުރެވިދާނެ ފަރުވާތައް:

1. ގިނަގިނައިން ދިޔާތަކެތި ބުއިން

2. ހޫނު ތުވާއްޔެއް ފަދަ އެއްޗަކުން ކޮންމެ ދުވަހަކު މޫނު މަސާޖް ކުރުން

3. ތާފަނާ ފެނަށް ލޮނުކޮޅެއް އެއްކޮށްގެން އެއިން އަނގަޔާއި ނޭފަތް ދޮވުން

4. ބޮލާއި މޫނުގައި ރިހި ތަދުވާނަމަ ޕެނަޑޯލް ފަދަ ބޭހެއް ބޭނުންކުރެވިދާނެ

5. މާބާރަށް ނޭފަތް ސާފުކުރުމަށް ނޭފަތް ނުފޮޅާށެވެ. ނޭފަތް ފޮޅާއިރު ނޭފަތުގެ ހިނދުރި ހުންނަންވާނީ ހުޅުވިފަ އެވެ.

ސައިނަސް ޖެހުމުން ބޭހުން ކުރެވޭ ފަރުވާއިން ހައްލެއް ނުލިބިއްޖެނަމަ ބައެއް ފަހަރު އޮޕަރޭޝަން ކުރަންޖެހެ އެވެ. މިގޮތުން އާންމުކޮށް ހެދެނީ އިންޑޯސްކޮޕިކް ސާޖަރީ އެވެ.

ސައިނަސް ޖެހުމުން ރައްކާތެރިވުން:

1. އަރިދަފުސް ރޯގާ ފަދަ ބަލިތަކުން މިންޖުވެހުރުމަށް މަސައްކަތްކުރުން: އަރިދަފުސް ރޯގާ އިންފުލުއެންޒާ ފަދަ ބަލިތަކުން މިންޖުވެ ހުރުމަށް މަސައްކަތްކުރުމުގެ އިތުރުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، އަރާމްކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ބަލިޖެހިފައި ތިބި މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅޭށެވެ.

2. ހަމަހަމަ ކެއުމެއް ހިޔާރުކުރުން: މިގޮތުން ކެއުމުގައި ތަފާތު ބާވަތްތައް ހިމަނަން ޖެހެ އެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ކާނާގެ މުހިއްމު ބައިތައް ފޯރުކޮށްދިނުމަށްޓަކަ އެވެ.

3. ވިޓަމިންސީ ބޭނުންކުރުން : ދާއިމީ ސިފައެއްގައި ވިޓަމިން ސީ ބޭނުންކުރުމަކީ ނޭފަތް އަދި ކަރުތެރެ ސާފުކޮށްދީ އަރިދަފުސް ޖަމާވިޔަނުދީ ހިފަހައްޓައިދޭނެ ކަމެކެވެ.

4. ދުންފަތުގެ އިސްތިއުމާލު ނުކުރުން: ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސައިނަސް ޖެހުމަށް މަގުފަހި ކުރުމުގެ އިތުރުން ސައިނަސްގެ ހާލަތު އިތުރަށް ގޯސްކުރާނެ ކަމެކެވެ.

5. ގިނަގިނައިން ދިޔާތަކެތި ބުއިން: ދިޔާތަކެތި ބޭނުންކުރުމަކީ އަރިދަފުސް ރޯގާ، އިންފުލުއެންޒާ ފަދަ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355