twitterviber whatsapp telegramfacebookyoutube instagram
18th May 2024

ގައުމެއް ތަރައްގީވާނީ ތައުލީމާ އެކީގައި ދެވޭ ތަރުބިއްޔަތާއި ތަމްރީނުގެ ތެރެއިން: ރައީސް

ނަބީލާ އިސްމާޢީލް
Dec 22, 2021

ގައުމެއް ތަރައްގީވެ ކުރިއަރައި ދިއުމުގައި ދަރިވަރުންނަށް ދެވޭ ތައުލީމާއެކު އެކުދިން ތަރުބިއްޔަތުކޮށް، ތަމްރީނު ދީ މުޖުތަމައަށް ލޯހުޅުވޭ ބަޔަކަށް އެ ކުދިން ހަދައިދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އީޕީއެސް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރޭ ބޭއްވި "ހިދުމަތުގެ ހަވީރު 2021" ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އީޕީއެސް ސްކޫލް ފެށިގެން އައި ގޮތާއި އެ ސްކޫލުގައި ތައުލީމު ދިނުމުގެ ކަންކަން ކުރިޔަށްދިޔަގޮތާއި އަދި އެ ސްކޫލުގައި އެމަނިކުފާނު ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރުގެ ހަނދާން އައުކުރައްވައި އެކަންކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން 1960ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ތައުލީމު ފެތުރިގެން ދިޔަގޮތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން އެދުވަސްވަރު ރާއްޖެގައި ތިބެ އިނގިރޭސި މީޑިއަމްއަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދިއުން އެއީ އޭގެ ފައިދާ އެތައް ރައްޔިތުންނަށް ލިބިގެންދިޔަ ރަނގަޅު ބަދަލެއް ކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ އީޕީއެސް ސްކޫލް ހުޅުވިގެން ދިއުމަކީ އެ ދުވަސްވަރު ތައުލީމު ހާސިލުކުރުމަށް ހާއްސަކޮށް ރަށްރަށުން އައި ދަރިވަރުންނަށް ފަހިވި ވަރަށް ރަނގަޅު ފުރުސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަފްލާގައި އީޕީއެސްގެ 50 އަހަރުގެ ރަން ތާރީހުގެ ދިރާސާ ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އީޕީއެސްއަށް ހިދުމަތްކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވާ ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ.

އީޕީއެސް ސްކޫލް އުފެދުމަށްފަހު ފާއިތުވި 50 އަހަރަށްވުރެ ދިގު މާޒީގައި އެ ސްކޫލުން ހަތާވީސް ހާހެއްހާ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355