ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މޯލްޑިވްސް ރެޑްކްރެސެންޓް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން މި އަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ހާއްސަ ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ވިލުންވެރި ނަމުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގެ ތެރެއިން އާންމުކޮށް ހުޅުވާލައިގެން ކުރެހުމާއި ލިއުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިކަމާއި ގުޅިގެން އެންޑީއެމްއޭއިން ބުނީ މި ކުރެހުމާއި، ލިއުމުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އުމުރުން 7 އަހަރާއި 25 ދެމެދުގެ މީހުންނަށެވެ. އެގޮތުން ތީމަކީ "ޔުނިޓް ޓު މިޓިގޭޓް އެންޑް ޕްރިޕެއާރ ފޮރ ދަ އިމްޕެކްޓްސް އޮފް ކްލައިމެޓް ޗޭންޖް އެންޑް ޑިޒާސްޓަރ" އެވެ. ދެ މުބާރާތްތަވެސް ކުރިއަށް ދާނީ މިތީމްގެ މައްޗަށެވެ.
އެގޮތުން ކުރެހުމުގެ މުބާރާތުގައި ބޭނުން ކުރެވޭނީ އާދައިގެ ޑްރޯވިން ބްލޮކް ސައިޒްގެ ގަނޑެކެވެ. ގަނޑުގެ 4 ފަރާތުގައި 1 އިންޗި ފުޅާ ބޯޑަރެއް އިންނަން ޖެހޭނެއެވެ. ބޯޑަރު އިންނަންވާނީ ހުދުކުލައިންނެވެ.
މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވަނީ އުމުރުފުރާތައް 3 ގެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން 7 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިން ހިމެނެނީ ގްރޫޕް އޭ ގައެވެ. އަދި 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުރިން ގްރޫޕް ބީ ގައި އަދި 17 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުން ގްރޫޕް ސީ ގައެވެ.
ލިއުމުގެ މުބާރާތް ކުރިއަށް ގެންދަނީ 2 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ގްރޫޕް އޭ ގައި 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުރިން އަދި ގްރޫޕް ބީ ގައި 17 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށެވެ.
ލިއުމުގެ މުބާރާތުގައި ބޭނުން ކުރެވޭނީ އެފޯ ސައިޒް ގަނޑެކެވެ. ލިއުންކޮޅު ލިޔެވޭނީ ގަނޑުގެ އެއްފުށުގައެވެ. ލިއުން އިންނަށް ވާނީ އިނގިރޭސި ބަހުން، ޓައިމްސް ނިއު ރޯމަން ފޮންޓުނެވެ. ސައިޒަކީ 11 ގައެވެ. ނޯމަލް މާޖިންއެއްގައި ލައިން ސްޕޭސްގައި 1.15 އިންނަން ވާނެއެވެ.
މި ދެ މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ވިލުންވެރި ފެސްޓިވަލްގެ ތެރެއިން އަންނަ ހުކުރު ދުވަހު އޮންނަ ހާއްސަ ހަވީރެއްގަ އެވެ. މި ހަވީރު އޮންނާނީ އަމީރު އަމީން ސްކޫލުގައެވެ. ކުރެހުންތަކާއި ލިއުންތައް ހުށައަޅަން ޖެހޭނީ ފެސްޓިވަލްގައި ހުންނަ ސްޓޯލްއަށެވެ. އެގޮތުން 4:30 ވަންދެން ތަކެތި ހުށައެޅޭނެއެވެ.
ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރަން ނިންމާފައިވަނީ ގްރޫޕް އޭ އިން އެންމެ ރީތި 3 ކުރެހުން އަދި ގްރޫޕް ބީ އަދި ސީ އިން އެންމެ ރީތި 2 ކުރެހުމެވެ. ލިއުމުގެ މުބާރާތުން ކޮންމެ ގްރޫޕަކުންވެސް ހޮވާނީ އެންމެ މޮޅު 2 ލިއުމެވެ.
މިފަދަ ފެސްޓިވަލެއްގެ މަގުސަދަކީ ކުޑަކުދިންނަށް މޫސުމުގެ ސަބަބުން ރާއްޖެއަށާއި ދުނިޔެއަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުންކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.