ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއްކަމަށާއި އެ ސިޔާސަތު ދެމެހެއްޓޭނީ ރައްޔިތުންގެ އަޑު އަހައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ސަރުކާރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ދައުލަތެއްގައި ޝާމިލްވާ އެންމެންގެ އަޑު އަހައި އެންމެންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރުންކަމުގައި ކަމަށެވެ.
ރައީސް ވަނީ އެއްބައިވަންތަކަމުގެ ދުވަހެއް މި ފާހަގަކުރަނީ، 2004 ވަނަ އަހަރު ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު އެރި ސުނާމީގައި ރާއްޖެއަށް ކުރިމަތިވި ވަރަށް ބިރުވެރި ވަރަށް ނުރައްކާތެރި ކާރިސާއަކުން ސަލާމަތްވުމުގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ހަނދާންކުރުމުގެ ގޮތުންކަމުގައި ވިދާޅުވެފައެވެ.
އެގޮތުން ސުނާމީ ކާރިސާގައި 190 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބުނުކަމަށާއި، ސުނާމީ އަރައިގެން އައި ވަގުތުވެސް، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނީ އެއް އާއިލާއެއްގެ މީހުން ފަދައިން އެއްބައިވަންތަކަން އިސްކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ސުނާމީގައި ލިބުނު ގެއްލުންތަކުގެ ސަބަބުން، ފަނަރަ ހާހަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި އަލުން އާރާސްތުކުރުން އުނދަގޫ މިންވަރަކަށް ފަސް ރަށެއް ހަލާކުވެގެން ދިޔަކަމުގައި ރައީސް ވިދާޅުވެފައެވެ.
މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑްގެ ބަލިމަޑުކަމަށް އަލިއަޅުއްވާލާ ރައީސް ވިދާޅުވީ ކޮވިޑްގެ ދަތިކަމުގެ ތެރޭގައިވެސް ދިވެހިންނަށް ލިބުނު އެންމެ ބޮޑު ތަސައްލީއަކީ ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ކަމަށެވެ. އެގޮތުން އިގްތިސާދީ ނަޒަރަކުން ވިސްނާ ނަމަ ރާއްޖެ މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައިކަމަށާއި ކޮވިޑްގެ ކުރިން އޮތް ހާލަތަށް ނުވަތަ އެއަށްވުރެ ރަނގަޅު ހާލަތަކަށް ގައުމުގެ އިގްތިސާދު ގެންދިއުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށާއި މިއީ ގައުމީ މަސްލަހަތު އިސްކޮށް އެންމެން އެއް އަޒުމެއްގައި އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތުކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.