އެއްބައިވަންތަ ރައްޔިތެއްގެ ގޮތުގައި ތިބުމުގެ މުހިންމުކަން އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރަން ޖެހޭކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މޯލްޑިވްސް ރެޑްކްރެސެންޓް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބޭއްވި ކުރެހުމާއި ލިޔުމުގެ މުބާރާތުން ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ދިނުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު އެންމެ މުހިންމުކަމަކީ އެއްބައިވަންތަކަމުން ހާސިލުކުރާ ކަންތައްތައް ކަމަށެވެ.
"އެއްބައިވަންތަ ރައްޔިތެއްގެ ގޮތުގައި އަޅުގަނޑުމެން ތިބުމުގެ މުހިންމުކަން އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރަން އެބަޖެހޭ." ސިޓީ ކައުންސިލް ހޯލުގައި ބޭއްވި ހަފުލާގައި މޭޔަރު ވިދާޅުވި އެވެ.
ސުނާމީ ކާރިސާ ފަދަ ކާރިސާއެއް ދިމާވާ ހާލަތުގައި މުޅި މުޖުތަމައު އެންމެ އެކަށޭނެ ގޮތުގައި ތައްޔާރު ވެގެން ތިބެންޖެހޭ. އެކަމަށް ވަރަށް މުހިންމުކަމެއް އެއްބައިވަންތަކަމަކީ.
"ކުރިއަށް އަޅުގަނޑުމެން ވިސްނާއިރު އަޅުގަނޑުމެންގެ ސިޓީގެ މުޖުތަމައު އެއްކޮށް އެބަ ބަދަލުކުރަން ޖެހޭ ވީހާވެސް ބޮޑަކަށް ވިލުންވެރި މުޖުތަމައުއަކާ ދިމާއަށް މިސްރާބު ބަދަލުކުރަން." މޭޔަރު ވިދާޅުވި އެވެ.
އެގޮތުން ސިޓީ ޑިޒާސްޓާ މެނޭޖްމެންޓް ޕްލޭން ހެދުމަށްޓަކާ އަންނަ އަހަރުގެ ޑިވެލޮޕްމެންޓް ޕްލޭންގައި ހިމެނި ބަޖެޓްކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގައި އެންޑީއެމްއޭއާއެކު މަޝްވަރާތައް ކުރެވެމުންދާކަން މޭޔަރު ވިދާޅުވި އެވެ.
"އެހެންކަމުން އަޅުގަނޑު މި އުންމީދުކުރަނީ އަހަރުގެ ތެރޭގައި އެ ޕްލޭންވެސް ނިމިގެންދާނެކަމަށް އަދި މިހާރު އޭގެ އިތުރުން އަޅުގަނޑުމެންނަށް އެބަ މަޝްވަރާކުރެވޭ މޭކިންގ ސިޓީ ރިޒިލިއަންސް ކެމްޕެއިންއާ ގުޅޭ ގޮތަށް." މޭޔަރު ވިދާޅުވި އެވެ.
މަސައްކަތްކުރަމުންދަނީ ރާއްޖޭން އެންމެ ފުރަތަމަ އެ ކެމްޕެއިންއާ ގުޅޭ ސިޓީއަކަށް ކުޅުދުއްފުށި ހެދޭތޯކަމުގައި މޭޔަރު ވިދާޅުވި އެވެ.