twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އުރީދޫ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލައިފި

Dec 24, 2021

އުރީދޫ މޯލްޑިވްސްގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އުރީދޫއިން ބުނި ގޮތުގައި، އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލެވޭނީ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށެވެ. އަދި ކުންފުނިތަކާ ބެހޭ ގާނޫނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބަޔާންކޮށްފައިވާ، ހިއްސާދާރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާންޖެހޭ މީހަކަށް ވާންޖެހޭނެކަމަށް އުރީދޫން ބުނެއެވެ.

މީގެ އިތުރުން އެ މީހަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔުނިވާސިޓީއަކުން ޑިގްރީ ފާހެއް ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހޭ ކަމަށާއި ރާއްޖެ ނުވަތަ ބައިނަލްއަގުވާމީ ކުންފުންޏެއްގެ އިސް މަގާމެއްގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައި ވުމާއެކު މަދުވެގެން އެއް އެކްޓިވް ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށް އެ ޚިދުމަތުގެ ރެކޯޑު ފެންނަން އޮންނަން ޖެހޭނެކަމަށްވެސް އުރީދޫން ބުނެއެވެ.

އުރީދޫއިން ބުނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި މިވަގުތު ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށްވުރެ ގިނަ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުގައި ހުރި ފަރާތަކަށް މަގާމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ބޯޑުގައި ޖެންޓް ޑައިވާސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަށް އުރީދޫން ބާރު އަޅައެވެ.

އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެ މަގާމުގައި ދެމިހުންނާނީ ޑިރެކްޓަރުކަމަށް އިންތިޚާބުކުރެވޭ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ އާންމު ޖަލްސާގެ ފެށުމާ ހަމައަށެވެ. އެހެންކަމުން، 2022 ވަނަ އަހަރުގެ މާރިޗު މަހުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިޚާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2024 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށެވެ.

މި މަގާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 19 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 14:00 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355