ބަންދާ ދިމާކޮށް ހދ އަތޮޅުގެ ފަސް ރަށަކުން ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާއިރު މިހާތަނަށް އެންމެ ގިނަ ބަޔަކު ބަލި ޖެހިފައިވަނީ ނައިވާދޫންނެވެ.
ހުކުރު ދުވަހު އެރަށުން ކޮވިޑްގެ 24 ކޭސް ފެނުނުއިރު މިހާރު އެރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 32 އެވެ. އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ފުލޫ އޯޕީޑީއަށް ދެއްކި ތިން މީހަކާއި ކޮންޓެކްޓްގެ ގޮތުގައި ފާހަގަވި ހަތަރު މީހެއްގެ އިތުރުން ދަތުރުކޮށްފައި އައި މީހެކެވެ.
ހުކުރު ދުވަހު ޕޮޒިޓިވްވި 24 މީހުންނަކީ ކުރީގެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ނެގި 106 ސާމްޕަލުގެ ތެރެއިންނެވެ.
ނައިވާދޫގެ އިތުރުން ހދ އަތޮޅުގައި އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދަނީ ހަނިމާދޫގައި އާއި ކުޅުދުއްފުށީގައި އެވެ. ހަނިމާދޫގައި އެކްޓިވް ކޭސްތަކުގެ އަދަދު މިވަގުތު 41 އަރާފައިވާއިރު އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ރޭންޑަމް ދެ ސާމްޕަލެވެ.
އެއަށްފަހު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު ބަޔަކު ޕޮޒިޓިވްވެ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މި ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
ހޯމަދުވަހު ކުޅުދުއްފުށިން ކޮވިޑްގެ ދެ ކޭސް ފެނުނުއިރު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 16 އަށް އަރާފަ އެވެ. ކުޅުދުއްފުށީގައި ހަތަރު ކްލަސްޓާއެއް ފާހަގަވެފައިވާއިރު ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ ފަރާތްތަކުން ހާމަކުރެ އެވެ.
ސްކޫލް ބަންދާ ދިމާކޮށް ގިނަ ބަޔަކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ބަލި ފެތުރިދާނެތީ ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.