ރައްޔިތުންނަށް ހިދުމަތްތައް ދޭ ފަރާތްތަކުން އެ ހިދުމަތްތައް ދިނުމުގައި ވީހާވެސް ލުއިފަސޭހަކޮށް އެކަންކަން ކޮށްދިނުމަށް އަބަދުވެސް ވިސްނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ހިރިޔާ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގަ އެވެ.
ނައިބު ވިދާޅުވީ ހިދުމަތްތައް ދިނުމުގައި، އެއީ ދައުލަތުން އެއްވެސް ރައްޔިތަކަށް ދޭންޖެހޭ ހިދުމަތެއްކަމުގައި ވަނީނަމަ އެމީހަކީ ކޮންމެ މީހަކު ކަމުގައި ވިޔަސް ތަފާތުކުރުމެއްނެތި އެ ހިދުމަތެއް ފޯރުކޮށްދޭންޖެހޭ ކަމަށެވެ.
ހިދުމަތް ދިނުމުގައި ކުންފުނިތަކާ އަދި ދައުލަތުން ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް އިހްލާސްތެރިކަމާއެކު، ކޮންމެ ރައްޔިތަކަށް ވެސް ހިދުމަތް ދިނުމަށާއި އަދި އެއީ އަވަހަށް ކޮށްދޭންޖެހޭ ކަމެއްކަމުގައި ވާނަމަ ލަސްނުކޮށް އެކަމެއް ކޮށްދިނުމަށް ސަމާލުކޮށްދެއްވުމަށް ވެސް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.
ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައި ސިއްހީ ހިދުމަތް ހޯދުމުގައި، ހާއްސަކޮށް އަވަސް ފަރުވާއަށް ބޭރަށް ފޮނުވަންޖެހޭ ފަރާތްތައް ފޮނުވުމުގައި ކުރިމަތިވި ގޮންޖެހުންތަކަށް ނައިބު ރައީސް ވަނީ އަލިއަޅުވާލާފަ އެވެ.
އެގޮތުން މި ބަލިމަޑުކަމާ ގުޅިގެން އަވަށްޓެރި ޤައުމުތަކުގެ ބޯޑަރުތައްވެސް ބަންދުކޮށްފައި އޮއްވާ އަވަސް ފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި މަސައްކަތްފުޅު ފާހަގަކުރައްވައި ނައިބު ރައީސް ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ އެވެ.
ހަމައެހެންމެ އިންޑިޔާގެ ބޯޑަރު ބަންދުކޮށްފައި އޮއްވާ ރާއްޖެއިން އަވަސްފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްކަށް ހާއްސަ ހުއްދައެއްގެ ދަށުން އެ ފުރުސަތު ފަހިކޮށްދެއްވީތީ އިންޑިޔާ ސަރުކާރާއި އެކަމުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ވެސް ނައިބު ޝުކުރުއަދާކުރެއްވި އެވެ.
މީގެ އިތުރުން ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް ކޮންމެ އަހަރަކު ރާއްޖޭގެ އާބާދީގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބޭސްފަރުވާ ކުރަމުންގެންދާކަން ފާހަގަކުރައްވައި ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ ތިބުމުގެ މުހިންމުކަމަށް ނައިބު އަލިއަޅުވާލެއްވި އެވެ.
މި ހަފްލާގައި ނައިބު ރައީސް ވަނީ އާސަންދަ މޮބައިލް އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވާފަ އެވެ. މީގެ އިތުރުން އާސަންދަ ކުންފުނީގައި 10 އަހަރު ދުވަހު މަސައްކަތްކުރެއްވި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑްތައް އެ މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ވެސް ނައިބު ރައީސް އެވެ. މި ހަފްލާގައި އާސަންދަ ކުންފުނީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.