twitterviber whatsapp telegramfacebookyoutube instagram
18th May 2024

ހާސިލްކުރަން ބޭނުންވާ ނަތީޖާ ނެރެވޭނީ ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން އެއް މިސްރާބަކަށް ދަތުރުކޮށްގެން: ރައީސް

ނަބީލާ އިސްމާޢީލް
Dec 28, 2021

މި ސަރުކާރުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލްކޮށް އެ ނަތީޖާ ނެރެވޭނީ ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން، އެއް މިސްރާބަކަށް ދަތުރުކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާހްކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސާވިސް ޓްރޭނިންގ ޔުނިޓާއި، ސިވިލް ސާވިސް ޓްރޭނިންގ އިންސްޓިޓިއުޓް ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދާ ޕްރޮގުރާމެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިފެށި ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ތަމްރީނު ޕްރޮގްރާމުގެ ނަތީޖާއަކަށް ވާނީ، ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެގެން ދިއުން ކަމުގަ އެވެ.

މި ޕްރޮގްރާމަކީ ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވައިފައިވާ ބޭފުޅުންނަށާއި ސިވިލް ސާވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރުމާ ހަވާލުވީ ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ އަސާސީ އަދި އިޖްތިމާއީ ހިދުމަތްތަކެއް ވަކި މުއްދަތުތަކެއްގައި ފުރިހަމަކޮށްދޭން ވައުދުވެގެންކަމަށާއި، އެއީ ވަކި ފަރުދަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެކަނި ފުރިހަމަކުރެވޭނެ ވައުދުތަކެއް ނޫންކަމުގައެވެ. އެހެންކަމުން މި ސަރުކާރުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލްކޮށް އެ ނަތީޖާ ނެރެވޭނީ ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން، އެއް މިސްރާބަކަށް ދަތުރުކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތުން ގައުމީ ތަރައްގީއާ ގުޅިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައްޔާއި މި ސިޔާސަތުތައް ތަންފީޒުކުރުމުގައި އެންމެ ކުރީ ސަފުގައި ތިއްބަވަންވީ ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައި ތިއްބެވި ބޭފުޅުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ، ކަންކަމުގައި ބަސްކިޔައި ގޮތް ނިންމުމާ އެކީ އަމަލީ ގޮތުން ކަންކަން ކުރަން ޖެހޭ ބޭފުޅުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބެފުޅުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ މެދުގައި ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންނާއި ސަރުކާރާ ދެމެދު މުއާމަލާތްކުރުމަށް މިހާރު މިއޮތީ ވަރަށް ފުޅާ މަގެއް ގާއިމުކުރެވިފައިކަމަށާއި، މިގޮތުން އެމީހަކު ހުރި ރަށަކުން ހުރި ތަނަކުން، އިންޓަނެޓްގެ ޒަރީއާއިން ގަވްއެމްވީ މެސެޖުގެ ހިދުމަތް މެދުވެރިކޮށް މިހާރު ސަރުކާރާ މުއާމަލާތު ކުރެވޭނެ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ޒަމާން އަރާ ހަމަކޮށްފައިވާއިރު، ސަރުކާރު ހިންގުމުގެ ދާއިރާއަށް ޓެކްނޮލޮޖީގެ ލުއިފަސޭހަތައް ތައާރަފް ކުރިޔަސް އެކަމުގެ ލުއިފަސޭހަކަން ލިބޭނީ ހިދުމަތް ދޭން ތިބޭ މުވައްޒަފުން ޓެކްނޮލޮޖީއަށް އަހުލުވެރިވި މިންވަރަކުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ރައީސް ވަނީ ސަރުކާރުން ހިދުމަތް ދިނުމުގެ ވައްޓަފާޅިއަށް ވެސް އަދި އުސޫލުތަކަށް ވެސް މިހާރު މިއޮތީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިކަމުގައި ވިދާޅުވެ ސަރުކާރު އޮފީސްތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ، ސަރުކާރު އޮފީސްތަކުގެ ސާވިސް ޗާޓަރުތައް ތައްޔާރުކޮށް އާންމުކުރުންކަމުގައި ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުގެ އޮފީސްތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރައްޔިތުން ހެޔޮ ހިތުން ބަލައިގަންނަ ހިދުމަތްތަކަށް ވެގެންދާ ދުވަސް އެއީ އެމަނިކުފާނު ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހެއްކަން ހާމަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ދައުލަތުގެ ވަޒީރުންނާ މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355