ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 21 އަށް އަރާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ފަހުން ޕޮޒިޓިވްވެފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވީ މީހެކެވެ. ގިނަދުވަސްތަކަކަށް ފަހު އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނުނީ މިމަހު 20 ވަނަ ދުވަހު އެވެ. މިހާތަނަށް ޖުމްލަ 61 މީހަކު ކަރަންޓީން ކޮށްފައިވާއިރު 26 ގެއެއް ވަނީ މޮނީޓަރިންގަ އެވެ.
އެ ދުވަހު ދެ ކޭސް ފެނުނު އިރު އެކަކަކީ މާލެއިން ދަތުރުކުރި މީހެކެވެ. އެމީހާވެސް އެއްވެސް ކޮންޓެކްޓެއް ނެތް އިރު ދެން ޕޮޒިޓިވްވީ އަލާމާތް ހުރެގެން އޯޕީޑީއަށް ދެއްކި 30 އަހަރުގެ އަންހެނެކެވެ. އެ އަންހެންމީހާގެ ކޮންޓެކްޓުންގެ ތެރެއިން އިތުރު 3 މީހަކު ޕޮޒިޓިވްވި އެވެ.
އޭގެފަހުން ކުޅުދުއްފުއްޓާއި މާލެ އާއި ދެމެދު ދަތުރުކުރާ ސީކުއީން ބޯޓުން 3 މީހަކު ޕޮޒިޓިވްވެފައިވާއިރު ސީކުއީން ބޯޓް ޓެސްޓްކުރީ 30 އަހަރުގެ އަންހެން މީހާގެ ކްލަސްޓާއާއި ގުޅުން ހުރިކަމަށް ބެލެވޭތީކަމަށް މީގެކުރިން އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން މިމަހު 23 ވަނަ ދުވަހު 11 އަހަރުގެ ކުއްޖަކާ 9 އަހަރުގެ ކުއްޖަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓްވެފަ އެވެ. 9 އަހަރުގެ ކުއްޖާއަކީ އަލާމާތް ހުރެގެން ފުލޫ އޯޕީޑީއަށް ދެއްކި ކުއްޖެކެވެ. އަދި 11 އަހަރުގެ ކުއްޖަކީ ގާރލްގައިޑް ކޭމްޕަށް ދިޔުމުގެ ކުރިން ނެގި ސާމްޕަލެކެވެ.
މީގެއިތުރުން ހދ. ނައިވާދޫއިން ވަނީ އިތުރު 8 ޕޮޒިޓިވް ކޭހެއް ފެނިފަ އެވެ. އެއީ 1 ފްލޫ ސާމްޕަލްއާއި 7 ކޮންޓެކްޓް ޓްރޭސިންގ ސާމްޕަލެވެ. އަދި އެރަށް ވަނީ މިމަހުގެ 25 ވަނަ ދުވަހު މޮނީޓަރިންއަށް ލައިފަ އެވެ. އަދި މީގެއިތުރުން ކުރިނބީން ފްލޫ ސާމްޕަލެއް ޕޮޒިޓިވްވެފައިވެ އެވެ. އަދި ހަނިމާދޫ ވަނީ މޮނީޓަރިންގެ ހާލަތުން ނަގާފަ އެވެ.