twitterviber whatsapp telegramfacebookyoutube instagram
25th April 2024

މި ސަރުކާރުން އެންމެ އަހަންމިއްޔަތުކަމެއްދޭ ކަމަކީ ދީނުގެ ސައްހަ އަގީދާގެ މަތީގައި ތިބޭ ޖީލެއް އުފެއްދުން: ނައިބު ރައީސް

ނަބީލާ އިސްމާޢީލް
Dec 30, 2021
1

އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބޭ ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުކޮށް އެފަދަ ދަރިންތަކެއް މުޖުތަމައުގައި އުފެއްދުމުގެ މަސައްކަތަކީ މިއަދުގެ ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއްދޭ އެއްކަންތައްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށްދިޔަ 34 ވަނަ ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ރަނގަޅު ޖީލެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މަދަރުސާތަކާއި، ދަރިންނަށް ކިޔަވައިދޭ ހުރިހާ އިދާރާތަކުންވެސް ހެޔޮލަފާ، މަސައްކަތްތެރި، ގާބިލު، ރަނގަޅު ޖީލެއް ބިނާކުރުމަށް ސަމާލުކަންދިނުމަށް އެދިވަޑައިގެންފައެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުވަނީ މި ސަރުކާރުން ޤުރުޢާން ކިޔަވައިދެއްވުމަށާއި އިސްލާމީ ތަރުބިއްޔަތު ކުދިންނަށް ދިނުމަށް ދެއްވާ ސަމާލުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ޤައުމީ ޤުރުއާން މުބާރާތެއް އިންޒިތާމުކޮށް ހިންގުމުގެ މަޤްސަދަކީވެސް ވަރަށް ސާފު މަޤުސަދެއްކަމަށާއި އެއީ ތުއްތުކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖައްސައި، ތަޖުވީދުގެ މަގުން ކިޔެވުމަށް ހިތްވަރުދިނުންކަމުގައެވެ.

މިރަސްމިއްޔާތުގައި ނައިބު ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އެއްބައިވަންތަ ކަމާއެކު ގައުމު ކުރިއެރުވުމަށް ނަސޭހަތްތެރިވެލައްވާފައެވެ.

އަދި އެމަނިކުފާނު ވަނީ ﷲ ގެ އިރާދަފުޅުން ދުވަހަކުވެސް މި ލޮބުވެތިފަސްގަނޑު ދެމި އޮތްހާ ހިނދަކު މި ފަސްގަނޑުގައި ބަޔަކު ދިރިއުޅޭހާ ހިނދަކު، އިސްލާމްދީނުގެ ނޫރު އަދި އަލިކަން ދުވަހަކުވެސް ފިލައިގެނެއް ނުދާނެކަމަށާއި، ﷲ އިރާދަކުރެއްވިއްޔާ ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ޤަދަރާއި ލޯބި ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަމުގައި ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355