- މިއަހަރު ގޮނޑުގައި ހުރި ކުނިތައް ނަގައި ހުސްކުރާނެ
- ކުނި މެނޭޖްކުރާނީ ވެމްކޯއާ ހަވާލުކޮށްގެން
ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ، ކުނީގެ މައްސަލަ މިއަހަރުގެ ތެރޭގައި ހައްލުކޮށްދެއްވާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓަރ ޝައުނާ ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ އީ-ޓުކުރި އޮންލައިން ޝޮޕް އިފްތިތާހްކޮށްދެއްވުމަށެވެ. އެއަށްފަހު އެކަމަނާ ވަނީ ކުނިކޮއްޓާއި ގިރާ ސަރަހައްދު ބައްލަވާލައްވާފަ އެވެ.
އެނބުރި މާލެ ވަޑައިގަތުމުގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުގައި ޝައުނާ ވިދާޅުވީ، ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އަންނަ އަހަރުތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި މިހާރު ގޮނޑުގައި ހުރި ކުނިތައް ނަގައި އެތަން އެއްކޮށް ސާފުކުރާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރ ދެއްވި އެވެ.
ރާއްޖޭގެ އެހެން ސިޓީތަކުގައި ކުނި މެނޭޖްކުރާ ގޮތަށް، ސަރުކާރުގެ ވިސްނުމަކީ ކުޅުދުއްފުށީގެ ކުނި މެނޭޖްކުރުމުގެ ކަންކަންވެސް ވެމްކޯއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ގޮތަށް ކަމަށެވެ. އަދި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ކަމަކަށް ވެމްކޯއާ ކައުންސިލާ އެކީގައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ވާނީ ދަންނަވާފައިކަމަށްވެސް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.
ކުންޏަކީ ހައްލުކުރަން އުނދަގޫ މައްސަލައެއްކަން ފާހަގަކުރައްވަމުން ޝައުނާ ވިދާޅުވީ، ސަރުކާރުން އަންނަނީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުނި މެނޭޖްކުރާ ނިޒާމުގެ ތެރެއިން މިކަން ކުރެވޭނެ އިންފްރާސްޓަކްޗަރ ގާއިމުކުރަމުން ކަމަށާއި އެގޮތުން ރާއްޖޭގެ އުތުރާ ދެކުނު އަދި މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމަށް ރީޖަނަލް ފެސިލިޓީސްތަކެއް ގާއިމުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ރީޖަނަލް ފެސިލިޓީސްތައް ގާއިމުކުރަނީ އުތުރުން ރ ވަންދޫ އާއި ތިލަފުށި އަދި ދެކުނުން އައްޑޫ ސިޓީގައި އެވެ. މިނިސްޓަރު ވިދާޅުވީ ވަންދޫގައި ގާއިމުކުރި ފެސިލިޓީ ތަފާތު އެކި ސަބަބުތަކާ ހެދި އޮޕަރޭޝަނަށް ނުގެނެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަމަނާގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށްއޮތް ދުވަސްތަކުގައި އެ ފެސިލިޓީ އޮޕަރޭޝަނަށް ގެނައުން ކަމަށެވެ.
އެެހެންކަމުން އުތުރުގެ ރަށްތަކުގައި އުފެދޭ ކުނީގެ ތެރެއިން ރަށުން ބޭރުކުރަން ޖެހޭ ކުނި ގަވައިދުން އެ ފެސިލިޓީއަށް ގެންދެވޭނެ ކަމަށެވެ. އަދި ތިލަފުއްޓާއި އައްޑޫ ސިޓީގައި ގާއިމުކުރާ ފެސިލިޓީސްތައްވެސް އަވަސް މުސްތަގުބަލެއްގައި އޮޕަރޭޝަނަށް ގެނެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރީޖަނަލް ފެސިލިޓީގެ ހިދުމަތްތައް ފެށުމުން ރަށްރަށުގައި ހުރި ކުނިތައް ބޭރުކުރަން ވެމްކޯއިން ފަށާނެ ކަމަށާއި އަދި އެއަށްފަހު ރަށްރަށުގައި ގާއިމުކޮށްފައިވާ ކުނި މެނޭޖްކުރާ ސެންޓަރުތަކުގެ މަސައްކަތްތައްވެސް ރަނގަޅަށް ފެށިގެންދާނެ ކަމަށެވެ. އަދި އެކަމަށް ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދޭނެކަމަށް ޝައުނާ ވިދާޅުވި އެވެ.