ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ނ. މާޅެންދޫގައި މަސްކަނޑާ ތަނެއް ތަރައްގީކޮށްފި އެވެ.
އެތަން ތަރައްގީކޮށްފައިވަނީ ސޮސައިޓީ ފޯ ލީޑާސް އިނިޝިއޭޓް ޑިވެލޮޕްމަންޓްގެ (އެސްއެލްއައިޑީ) ފަރާތުންނެވެ. އެތަނުގައި އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ސާފު ރީތި ފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން އެތަން ފަރުމާކޮށްފައިވާއިރު ތަކެތި ރައްކާކުރެވޭނެ ގުދަނެއްވެސް އެތަނުގައި ހަދާފައިވެ އެވެ.
މަސްކެނޑުމަށްފަހު އުކާލެވޭ ތަކެތި އެޅުމަށް ޑަސްބިން ބަހައްޓައި ތަން ފަސޭހައިން ސާފުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފަ އެވެ.
އެސްއެލްއައިޑީގެ އޮފިޝަލަކު ވިދާޅުވީ އެއީ މާޅެންދޫގެ މަސްވެރިންނަށާއި އެހެނިހެން ރަށްރަށުން އެ ރަށަށް އަންނަ މަސްވެރިންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރި މުހިއްމު މަސައްކަތެއް ކަމަށެވެ.
އޮފިސަލު އިތުރަށް ވިދާޅުވީ މިހާތަނަށް މަސްކަނޑަމުން އައީ ޖެޓީ މަތީގައި ކަމަށާއި ވާރޭވެހުނަސް އަވިދިނަސް މަސްކަނޑަން ޖެހެނީ ޖެޓީ މަތީ ތިބެގެން ކަމަށެވެ. އެހެން ކަމުން މި ގާއިމުކުރެވުނު މަސްކަނޑާތަނުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސްކަނޑާ ތަން މާޅެންދޫ ރައްޔިތުން ބޭނުން ކުރަމުންދާ ކަމަށާއި އެތަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭހެން މަސްކެނޑުމުގެ މުބާރާތެއްވެސް ބާއްވާފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.