ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ވާންގް ޔީ ރާއްޖެ ވަޑައިގެންފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވާންގް ޔީ އަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެއަށް ވަޑައިގެންފައި މިވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު މިދިޔަ ނޮވެމްބަރު 25 ވަނަ ދުވަހު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ ވަޑައިގަތުމަށް ދެއްވެވި ދައުވަތު ގަބޫލުފުޅު ކުރެއްވުމަށް ފަހު އެވެ.
ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ރަސްމީ ބައްދަލުކުރެއްވުން އޮންނާނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރަސްމީ މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫ ތަކެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ ހައިސިއްޔަތުން މިދިޔަ ނޮވެމްބަރު މަހު ޝާހިދު ޗައިނާއަށް ވަޑައިގެން، މިނިސްޓަރު ވާންގްއާ ބައްދަލުކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުންނާއި އދ.ގެ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރު ވާންގް ރާއްޖެ ވަޑައިގަންނަވާތީ، މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގަތީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝާހިދު އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިދިޔަ އޮކްޓޯބަރު މަހު ޝާހިދު ރާއްޖެއަށް ހަތަރު ދުވަހުގެ ދަތުރުފުޅެއް ކުރެއްވިއެވެ.