ރާއްޖެއާ ޗައިނާއާއި ދެމެދު މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވަންގް ޔީ ރާއްޖެއަަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެއެވެ.
ދިވެހިން ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. މިއީ ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔަ 5 ވަނަ ގައުމެވެ.
Foreign Minister @abdulla_shahid and the State Councilor & Minister of Foreign Affairs of #China H.E. Wang Yi today witnessed the signing of a number of key agreements on important areas such as infrastructure development, health, and travel
— Ministry of Foreign Affairs 🇲🇻 (@MoFAmv) January 8, 2022
📃 | https://t.co/YjKVk6OcvD pic.twitter.com/qTdp7oJB9S
މީގެ އިތުރުން ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވެއެވެ. ލޮލުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް/ކޭމްޕެއް މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިގްތިސާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 968 މިލިއަން އެއްލައްކަ ނުވަދިހަ ހަތް ހާސް ހަ ސަތޭކަ އެކާވީސް ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިއުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ބްރިޖް ދިވެހި ސަރުކާރާ ހަވާލުކުރުމަށްފަހު 2 އަހަރުގެ މުއްދަތަކަށް ބްރިޖްގެ މަރާމާތުގެ މަސައްކަތް ބެލެހެއްޓުމަށް ޗައިނާއާއެކު ކުރިން ވެވުނު އެއްބަސްވުމުގައިވެއެވެ.