twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިންޑިއާއަށް ދާ މީހުން ހަތް ދުވަހަށް ކަރަންޓީނު ވާން އަންގައިފި

ނަބީލާ އިސްމާޢީލް
Jan 9, 2022

އިންޑިއާ އަށް ދަތުރުކުރާ ދިވެހިން ގޭގައި ހަތް ދުވަހު ކަރަންޓީން ވާން ޖެހޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިމަހު 11 ވަނަ ދުވަހުން ފެށިގެން އެ ގައުމަށް ދަތުރުކުރާ ފަރާތްތައް 7 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާންޖެހޭ ގޮތަށް ހަމަޖައްސައިފި ކަމަށެވެ.

ހަމައެއާއެކު މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތަށް ހަމަޖެއްސުމުގެ އިތުރަށް އިންޑިއާ އަށް ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ކޮވިޑް-19 ޕީސީއާރް ނެގެޓިވް ޓެސްޓް ނަތީޖާ ހުށައަޅަން ޖެހެ އެވެ. އަދި ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މައުލޫމާތު ހިމަނައި، ހުށަހަޅާ މައުލޫމާތުގެ ސައްހަ ކަމަށާއި، ކޮވިޑާ ގުޅިގެން އެ ގައުމުގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރަން އިގުރާރުވެ، އެއާ ސުވިދާ ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއް ހުށަހަޅަންވެސް ޖެހެ އެވެ.

އަދި ހަތް ދުވަހުގެ ކަރަންޓީނަށްފަހު އަށްވަނަ ދުވަހު ހަދާ ކޮވިޑް-19 ޕީސީއާރް ޓެސްޓުގެ ނަތީޖާ ނެގަޓިވް ވުމުން ގެއިން ނުކުމެވުނު ނަމަވެސް، އިތުރު ހަތް ދުވަސް ވަންދެން އެމީހެއްގެ ސިއްހަތު އަމިއްލަ އަށް މޮނިޓާ ކުރަންޖެހެ އެވެ. އަދި އެ ޓެސްޓުގެ ނަތީޖާ އެއާ ސުވިދާ ޕޯޓަލް އަށް އަޕްލޯޑު ކުރަންޖެހެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ އަށް ދަތުރުކުރާ ކޮންމެ ފްލައިޓަކުން ފަސިންޖަރުންގެ ތެރެއިން ދެ ޕަސެންޓް މީހުން ރެންޑަމްކޮށް އެއާޕޯޓުގައި ޓެސްޓްކުރާ ގޮތަށްވެސް އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ގައުމަށް އެކުގައި ދަތުރުކުރާ ފަސް އަހަރުން ދަށުގެ ކުދިން އޮން އެރައިވަލް އަދި ގޭގެ ކަރަންޓީން މުއްދަތަށްފަހު އަށްވަނަ ދުވަހުގެ ޓެސްޓު ހަދާކަށް ނުޖެހޭނެ އެވެ.

އިންޑިއާ އިން އަޅާފައިވާ ފިޔަޅުތަކާ ގުޅިގެން އިންޑިއާގައި ދިރިއުޅޭ އަދި އިންޑިއާ އަށް ރާއްޖެއިން ދަތުރުކުރަން ގަސްދުކުރާ ފަރާތްތައް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިފައިވެ އެވެ. އަދި އެ ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވެސް އެދިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355