twitterviber whatsapp telegramfacebookyoutube instagram
25th April 2024

ލައިސަންސް ހޯދުމުގެ ކުރިން ޑްރައިވިން ސްކޫލެއްގައި ދުއްވަން ލާޒިމުކޮށްފި

ޚަދީޖާ އާދަމް
Jan 12, 2022

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމުގެ ކުރިން ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން ދުއްވަން ދަސްކުރަން ލާޒިމުވާ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު، ޑްރައިވިން ސްކޫލް ހިންގުމުގެ ގަވާއިދުގައިވާ ގޮތުން ދުއްވަން ދަސް ކުރާއިރު ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން އުޅަނދު ދުއްވަން ދަސްކުރަން ޖެހޭނެ އެވެ.

ކުރިން އޮންނަ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ދުއްވުމުގެ އިމްތިހާނެއް ފުރިހަމަ ކުރުމުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބޭނެ އެވެ. އަދި ޑްރައިވިން ސްކޫލްތަކުގައި ދުއްވަން ދަސް ކުރިޔަސް ވަކި މުއްދަތެއް ވަންދެން ދަސްކުރަން ދުއްވުން ކުރިން ލާޒިމެއް ނޫނެވެ.

އާ ގަވައިދުގައި ވާގޮތުން ދުއްވަން ދަސްކުރާ މީހުންގެ އެ ވަރަށް ދުއްވަން ދަސްކުރިތޯ ޑްރައިވިން ސްކޫލްތަކުން ކަށަވަރު ކުރަން ޖެހޭނެ އެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަމުގެ ރެކޯޑްތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އާ ގަވާއިދުގައިވެ އެވެ.

ދުއްވަން ދަސްކޮށްދޭން ޑްރައިވިން ސްކޫލްތަކަށް ވެސް އެންމެ ގިނަވެގެން ނެގޭނެ ފީގެ އަދަދުތައް ވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ. ސައިކަލާއި ކާރު ފަދަ އުޅަނދުތައް ދުއްވަން ދަސްކޮށް ދޭން އެންމެ ގިނަވެގެން ނެގޭނީ ކޮންމެ ކެޓަގަރީއަކަށް 1،500ރ. އެވެ. އެ އުސޫލާ ހިލާފުވާ ޑްރައިވިން ސްކޫލްތަކުގެ ޝަކުވާ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅޭނެ ކަމަށާއި އެފަދަ ތަންތަނުގެ ލައިސަންސް ބާތިލް ކުރާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

ގަވާއިދުގައިވާ ގޮތުން، ސައިކަލު ފިޔަވައި އެ ނޫން އުޅަނދުތައް ދުއްވަން ދަސް ކުރާއިރު، ދުއްވަން ދަސްކުރާ އުޅަނދުގެ އެތެރޭގައި ކެމެރާ ހަރުކޮށްފައި ހުންނަން ޖެހޭނެ އެވެ. ދުއްވަން ދަސްކޮށްދޭ ޑްރައިވިން ސްކޫލަކީ އެކަމަށް ލައިސަންސް ލިބިފައިވާ ތަނަކަށް ވުމުގެ އިތުރުން ދުއްވަން ދަސްކޮށްދޭ އިންސްޓްރަކްޓަރުންނަކީ ވެސް ވަކި ތަމްރީނެއް ފުރިހަމަ ކުރުމަށް ފަހު، އެކަމުގެ ލައިސަންސް ލިބިފައިވާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355