ދިވެހިރާއްޖެ އިން ރިޕަބްލިކް އޮފް ބުރުންޑީއާ އެކު ސިޔާސީ ގުޅުން ގާއިމުކޮށްފި އެވެ.
ދެ ގައުމުގެ ދެމެދު ގުޅުން ގާއިމު ކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ. ބުރުންޑީގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފަރާތުން އދ.އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ޒޭފީރިން މަނިރަޓަންގާއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް އިހްތިރާމް ކުރާ އަދި އެ ގުޅުމުގެ އަގު ވަޒަންކުރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާރިޖީ ސިޔާސަތުގައި އިސްކަންދޭ އެއް ކަންތައް ކަމަށެވެ.
ރާއްޖެއާއި ބުރުންޑީ އަކީ ބައިނަލްއަގްވާމީ މަސްރަހްގައި ހިޔާލު އެއްގޮތް ދެ ގައުމަށް ވާތީވެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމާއެކު ދެ ގައުމު ގުޅިގެން ބައިނަލްއަގްވާމީ މަސްރަހުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރާއްޖެއިން ބުރުންޑީއާއެކު ގާއިމުކުރި ސިޔާސީ ގުޅުމާއެކު ރާއްޖެއިން ރަސްމީ ސިފައެއްގައި ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ އަދަދު ވަނީ 179 އަށް އިތުރުވާނެ އެވެ.
ބުރުންޑީ އަކީ 11.89 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެފްރިކާ ބައްރަށް ނިސްބަތްވާ ލޭންޑްލޮކް ނުވަތަ ކަނޑުމަގުން ވަށައިގެން ބެނދިފައިވާ ގައުމެކެވެ.
ވަށައިގެން ބިން އޮންނަ ބުރުންޑީ އަކީ އެފްރިކާގެ އެންމެ ކުދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގައުމުގެ އިގްތިސޯދު އެންމެ ބޮޑަށް ބިނާވެފައިވަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. ބުރުންޑީ މިނިވަންވެފައިވަނީ 1962ވަނަ އަހަރުއެވެ.