ކޮވިޑްގެ ތެރޭގައި 2 އަހަރެއްހާ ދުވަހު ތާށިވެފައި ތިބުމަށްފަހު އެޗްޕީއޭއިން ބޮޑެތި ލުއިތަކެއް މިދިޔަ އަހަރު ފަހުކޮޅު ވަނީ ދީފައެވެ. މި ލުއިތަކުގެ ތެރޭގައި ދަތުރުކުރުމުގެ ބޮޑެތި ލުއިތަކެއްވެސް ލިބިގެން ދިޔައެވެ.
އެއާއެކު ނިމިގެން މިދިޔަ ސްކޫލް ބަންދަކީ ގިނަ ބަޔަކު އާއިލާއާއެކު ރަށުން ބޭރަށްދިޔަ ބަންދެކެވެ. ހަމަ އެކަނި ކުޅުދުއްފުއްޓަށް ބަލާލިކަމުގައިވިޔަސް ގިނަ އަދަދެއްގެ ބަޔަކު ރަށުން ބޭރަށް ޗުއްޓީ ހަދާލަން ގޮސްފައިވެއެވެ. އެކަން މުޅި ސޯޝަލް މީޑިޔާއަށް ބަލާލިމަވެސް އެގިގެންދިޔައެވެ. ދަތުރުގެ އެކި މަންޒިލްތަކުގެ ފޮޓޯތައް ދިޔައީ ހިއްސާކުރަމުންނެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ހިއްސާކުރި ފޮޓޯތަކުގެ ލޮކޭޝަނަކަށް ވީ ށ ކަނޑިތީމެވެ.
"ފުދޭ ވަރަށްކަށް ގިނައިން ދެވުނު ރަށެއް ކަނޑިތީމަކީ، ވަރަށް ހިތްގައިމު ރަށެއް. އެރަށު ރައްޔިތުންގެ މެހެމާންދާރީވެސް ވަރަށް ރަނގަޅު. ކަމެއް ބޭނުންވެ ނުވެފަ ތިބޭކަށް ނުޖެހޭ." ސްކޫލް ބަންދުގައި އެރަށަށް ދިޔަ މީހަކު ބުންޏެވެ.
ކަނޑިތީމް ވެގެން ގޮސްފައިވަނީ ފަހަކަށްއައިސް ގިނަ ބަޔަކު ދަތުރުދާ މަންޒިލެއްގެ ގޮތުގައެވެ. ސަބަބުތައްވެސް ބައިވަރެވެ. އެރަށު ކައުންސިލްގެ ރައީސް އަހުސަން ވިދާޅުވީ މިދިޔަ ސްކޫލް ބަންދުގައި އެރަށަށް އެކި ރަށްރަށުން ގާތްގަނޑަކަށް 250-300 ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތްކޮށްފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ޒިޔާރަތްކުރި މީހުންގެ ތެރެއިން ގިނައީ ހދ އަތޮޅުގެ ރަށްރަށުގެ މީހުންކަމަށެވެ. ލޯކަލް ޓޫރިޒަމް ތަރައްގީވަމުން އަންނަ އެރަށުގައި މިވަގުތު 2 ގެސްޓްހައުސް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ ބީޗް ވޯކް އަދި ނޯތް އެޖް އިން އެވެ. އަހުސަން ވިދާޅުވީ ގެސްޓްހައުސްތައް ފުލް ވެއްޖެނަމަ އަމިއްލަ ފަރާތްތަކުގެ ގޭގޭގައި އެކޮމަޑޭޝަން ހަމަޖައްސައިދޭ ކަމަށެވެ. އެގޮތުން މިދިޔަ ބަންދުގައި ގެސްޓްހައުސްތައް ފުލްވެ އަމިއްލަ ގެތަކުގައި އެކޮމަޑޭޝަން ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާއިލާއެކު ހިތްހަމަ ޖައްސާލަން ދާން ވަރަށް ރަނގަޅު ރަށެއް ކަނޑިތީމަކީ. ދަތުރުކުރަން ފަސޭހަ ރަށެއް އަނެއްކާ ރަށުގެ ގެސްޓްހައުސްތަކާއި ކެއުމުގެ ކަންކަންވެސް ހަމަ ވަރަށް ފެންވަރު ރަނގަޅު. އެރަށަށް ގިނައިން ދެވެނީވެސް ދަތުރުފަތުރު ފަސޭހަވެ، ގަޑިތައްވެސް ރަނގަޅުވީމަ."
ރަށަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލްއެއްތަނަކީ އެންމެފަހުން އެރަށުގައި ހަދާފައިވާ ފެންގަނޑެވެ. ޒުވާނުން އިސްނަގައިގެން ރަށުގައި އިން ޗަކަ ބިމެއްގައި ހަދާފައިވާ މި ފެންގަނޑަކީ ގިނަ އަދަދެއްގެ ދޫނި އުޅޭ ސަރަހައްދެކެވެ. ހާއްސަކޮށް އަސްދޫނި ފާހަގަކޮށްލެވެއެވެ. ދެން އެންމެ ފާހަގަކޮށްލެވޭ ތަނަކީ އެރަށާއި ގުޅިފައިވާ ކުޑަ ރަށެއްކަމަށްވާ ކުޑަދޫ ކައިރީގައި ހުންނަ ބުންބަރެވެ. ޓްރީހައުސްގެ ސިފައަކަށް ހަދާފައިވާ މިތަނުގެ މައްޗަށް އެރުމުން ވަށައިގެންދާ ރީތި ގުދުރަތީ މާހައުލު ފެނިގެންދެއެވެ. ގުދުރަތީ ފެހިކަމާއެކު ރަށާ ގުޅިފައިވާ ކުޑަދޫ އަކީވެސް ރަށަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ބައެކެވެ.
އެރަށަކީ ހަމައެކަނި ގެސްޓަހައުސް ހިންގާ ރަށެއް ނޫނެވެ. އެރަށަކީ މުޅި އުތުރުގައިވެސް އެންމެ ފުޅާދާއިރާގައި ސްޕީޑް ލޯންޗު އޮޕަރޭޓްކުރާ ރަށެވެ. އެރަށުގައި ހަތަރު ގުރޫޕަކުން ފުޅާ ދާއިރާއެއްގައި މިސަރަހައްދުގައި، ހދ އަދި ށ އަތޮޅުގެ ހުރިހާ ރަށަކަށްހެން ކޮންމެ ދުވަހަކުވެސް ލޯންޗު އޮޕަރޭޓްކުރެ އެވެ. 10 މީހުންގެ ޖާގައިގެ ލޯންޗުން ފެށިގެން 60 މީހުންގެ ޖާގައިގެ ލޯންޗުވެސްތައް ހިމެނެ އެވެ. ދަތުރުފަތުރު ފަސޭހަވުމަކީވެސް އެރަށް މަގުބޫލުވި ސަބަބެކެވެ. މި ލޯންޗު ދަތުރުތައް ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ކުޅުދުއްފުއްޓަށް ދަތުރުކުރެ އެވެ.