ކުޅުދުއްފުށީ ސިޓީން އިތުރު 109 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ސިޓީގައި ބަލިޖެހިފަ ތިބި މީހުންގެ ޖުމްލަ އަދަދު 319 އަށް އިތުރު ވެއްޖެ އެވެ.
ކޭއާރުއެޗްގެ އޮފިސަލަކު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެ މިބައްޔަށް އަލަށް 109 މީހުން ޕޮޒިޓިވްވެފަވާއިރު އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި 121 މީހަކާއި ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވެފައިވާ 176 މީހެއްގެ އިތުރުން 21 ރެންޑަމް ސާމްޕަލް އަދި 1 ޑިޕާޗާރ ސާމްޕަލެވެ.
މީގެ އިތުރުން އެ ސިޓީން އިއްޔެ 11 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
މީގެ ކުރިންވެސް އެކި ފަހަރުމަތިން ކުޅުދުއްފުށިން ކޮވިޑް ކޭސްތައް ފެނި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓް ކުރެވުނު ފަހަރުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
އާންމުކޮށް ހުޅުވާލައިގެން އިއްޔެ ކުޅުދުއްފުށީގައި ބޫސްޓަރ ޑޯޒް ޖަހަން ފަށާފައިވާއިރު ކުޅުދުއްފުށީގެ އާބާދީގެ 93 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ.
މޮނީޓަރިންގައި އޮތްނަމަވެސް މިފަހަރު ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ގޭގެ ވަކި ކޮޓަރިއެއްގައި ކަރަންޓީނު ވެވޭނެ ގޮތަށް ނިންމާ ގޭގެ ބޭރުގައި ނޯޓިސް ތަތް ކުރުން ވެސް ހުއްޓާލުމަށް އެންމެ ފަހުން ބޭއްވި ޓާސްކްފޯސް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
މީގެ އިތުރުން ޕޮޒިޓިވްވާ މީހާއަށް ޕޮޒިޓިވްވީކަން ޕަބްލިކް ހެލްތުން އެންގި ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހެދުމަކަށް ނުގުޅާނެއެވެ. އެމީހަކު ކަރަންޓީންވުމާއި، ކޮންޓެކްޓުންގެ މައުލޫމާތު ޕަބްލިކް ހެލްތަށް އެންގުމަކީ އެ މީހެއްގެ އަމިއްލަ ޒިންމާއެކެވެ. އަދި ކޮންޓެކްޓުން ހޮސްޕިޓަލަށް ގޮސް ޓެސްޓްކުރުމަކީވެސް އެމީހުންގެ އަމިއްލަ ޒިންމާއެކެވެ.
ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވާ ފަރާތްތައް ހެނދުނު 0900-1200 އާ ދެމެދު އުފަން ހިޔާއަށް ގޮސްގެން ނުވަތަ ފުލޫ ކުލިނިކް ގާއިމު ކުރެވިފައިވާ މާރުކޭޓް އިމާރާތަށް 0900-1200 އާއި 1600-1900 އާ ދެމެދު ގޮސްގެން ސާމްޕަލް ނެގޭނެ އެވެ.