ދިވެހިންނަށް ވިސާ ނެތި ތުރުކީއަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމައިފި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތް ޝަވްޝަގްލޫއާއެކު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މިހާރުވެސް ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރުމަށް އީ-ވިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން ރާއްޖޭގެ ފޮރިން ސާވިސް ހަރުދަނާކުރުމަށް ވެވުނު އެއްބަސްވުމަކާއި، ވިޔަފާރީގެ ދާއިރާއާއި، ތިމާވެށީގެ ދާއިރާ އަދި ސަގާފީ ތަރިކަ ހިމާޔަތްކުރުމުގެ ދާއިރާއިން އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.
ވިސާ-ފްރީ އެއްބަސްވުމެއް އެކުލަވާލުމަށް ތުރުކީވިލާތަށް ހުށަހެޅުއްވިކަމަށާއި އަދި އެކަމަށް ތުރުކީވިލާތުގެ ސަރުކާރުން އެއްބަސްވެ، ވިސާ ނެތި ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް ޝާހިދު ވިދާޅުވި އެވެ.
މިއީ ދިވެހިންނަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށް އުޅުމުގައި ލުއި ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔަ ހަވަނަ ގައުމެވެ.
މީގެކުރިން އެފަދަ އިންތިޒާމުތަކެއް ހަމަޖެހިގެން ދިޔައީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، ތައިލެންޑް، މޮރޮކޯ އަދި ޗައިނާ އިންނެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރެއްވި މަޝްވަރާތަކަށްފަހު ސައުދީއަރަބިއްޔާ، އިންޑިއާ އަދި ސްރީލަންކާ އަށް ދަތުރުކުރުމުގައި ވެސް ދިވެހިންނަށް ވިސާގެ ލުއިފަސޭހަ އިންތިޒާމު ތަކެއް ހަމަޖައްސައިދީފައިވެ އެވެ.
ތުރުކީއަކީ މިފަހަކަށް އައިސް ގިނަ ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލަކަށްވެ، ދަތުރުކުރާ ގައުމެކެވެ. އެެއާއެކު އެ ގައުމާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ވެސް އަންނަނީ ގާއިމުވަމުންނެވެ.