ކުޅުދުއްފުށީ ސިޓީން އިތުރު 40 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ސިޓީގެ އެކްޓިވް ކޭސް އަދަދު 344އަށް އަރައިފި އެވެ.
ކޭއާރުއެޗްގެ އޮފިސަލަކު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެ މިބައްޔަށް އަލަށް 40 މީހުން ޕޮޒިޓިވްވެފަވާއިރު އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި 11 މީހަކާއި ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވެފައިވާ 26 މީހެއްގެ އިތުރުން 3 ރެންޑަމް ސާމްޕަލެވެ.
މީގެ އިތުރުން އެ ސިޓީން އިއްޔެ 13 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
މިދިޔަ ޑިސެންބަރު މަހު 20 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީގައި ކޮވިޑް ކޭސްތައް ފެންނަމުން ދާއިރު އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ މިމަހު 28 ވަނަ ދުވަހުއެވެ. އެ ދުވަހު 109 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު ތިބީ ފުލޫ އޯޕީޑީއަށް ދެއްކި 144 ފަރާތަކާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 179 ފަރާތެއްގެ އިތުރުން ރޭންޑަމްކޮށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 20 މީހަކާއި ޑިޕާޗާ ސާމްޕަލެކެވެ.
މީގެ ކުރިންވެސް އެކި ފަހަރުމަތިން ކުޅުދުއްފުށިން ކޮވިޑް ކޭސްތައް ފެނި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓް ކުރެވުނު ފަހަރުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މޮނީޓަރިންގައި އޮތްނަމަވެސް މިފަހަރު ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ގޭގެ ވަކި ކޮޓަރިއެއްގައި ކަރަންޓީނު ވެވޭނެ ގޮތަށް ނިންމާ ގޭގެ ބޭރުގައި ނޯޓިސް ތަތް ކުރުން ވެސް ހުއްޓާލުމަށް އެންމެ ފަހުން ބޭއްވި ޓާސްކްފޯސް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
މީގެ އިތުރުން ޕޮޒިޓިވްވާ މީހާއަށް ޕޮޒިޓިވްވީކަން ޕަބްލިކް ހެލްތުން އެންގި ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހެދުމަކަށް ނުގުޅާނެއެވެ. އެމީހަކު ކަރަންޓީންވުމާއި، ކޮންޓެކްޓުންގެ މައުލޫމާތު ޕަބްލިކް ހެލްތަށް އެންގުމަކީ އެ މީހެއްގެ އަމިއްލަ ޒިންމާއެކެވެ. އަދި ކޮންޓެކްޓުން ހޮސްޕިޓަލަށް ގޮސް ޓެސްޓްކުރުމަކީވެސް އެމީހުންގެ އަމިއްލަ ޒިންމާއެކެވެ.