ކުޅުދުއްފުށީ ސިޓީން އިތުރު 73 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ސިޓީގެ އެކްޓިވް ކޭސް އަދަދު 405 އަށް އަރައިފި އެވެ.
އެ ސިޓީއިން މިއަދު 73 މީހުން ޕޮޒިޓިވްވެފައިވާއިރު، 53 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު ތިބީ ފުލޫ އޯޕީޑީއަށް ދެއްކި 221 ފަރާތަކާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 163 ފަރާތެއްގެ އިތުރުން ރޭންޑަމްކޮށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 20 މީހަކާއި ޑިޕާޗާ ސާމްޕަލެކެވެ.
މިދިޔަ ޑިސެންބަރު މަހު 20 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީގައި ކޮވިޑް ކޭސްތައް ފެންނަމުން ދާއިރު އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހު 28 ވަނަ ދުވަހުއެވެ. އެ ދުވަހު 109 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ދެން އެންމެ ގިނަބަޔަކު ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހު 31 ވަނަ ދުވަހު އެވެ. އެދުވަހު 99 މީހުންވަނީ ޕޮޒިޓިވްވެފަ އެވެ.
މީގެ ކުރިންވެސް އެކި ފަހަރުމަތިން ކުޅުދުއްފުށިން ކޮވިޑް ކޭސްތައް ފެނި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓް ކުރެވުނު ފަހަރުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މޮނީޓަރިންގައި އޮތްނަމަވެސް މިފަހަރު ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ގޭގެ ވަކި ކޮޓަރިއެއްގައި ކަރަންޓީނު ވެވޭނެ ގޮތަށް ނިންމާ ގޭގެ ބޭރުގައި ނޯޓިސް ތަތް ކުރުން ވެސް ހުއްޓާލުމަށް އެންމެ ފަހުން ބޭއްވި ޓާސްކްފޯސް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
މީގެ އިތުރުން ޕޮޒިޓިވްވާ މީހާއަށް ޕޮޒިޓިވްވީކަން ޕަބްލިކް ހެލްތުން އެންގި ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހެދުމަކަށް ނުގުޅާނެއެވެ. އެމީހަކު ކަރަންޓީންވުމާއި، ކޮންޓެކްޓުންގެ މައުލޫމާތު ޕަބްލިކް ހެލްތަށް އެންގުމަކީ އެ މީހެއްގެ އަމިއްލަ ޒިންމާއެކެވެ. އަދި ކޮންޓެކްޓުން ހޮސްޕިޓަލަށް ގޮސް ޓެސްޓްކުރުމަކީވެސް އެމީހުންގެ އަމިއްލަ ޒިންމާއެކެވެ.