ދިރާސާއެއް ހެދުމަށްފަހު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ރައީސް ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އެކަމަށް ކުރަން ޖެހޭ ދިރާސާ ކުރުމަށްފަހު މި އަހަރު ތެރޭގައި އެކަން ކުރާނެ ކަމަށެވެ.
މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ މެއި މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ވިދާޅުވީ 12،000 ރުފިޔާ ލިބޭ ޓީޗަރަކަށް 19،000 ރުފިޔާ ބޮޑުވާނެ ކަމަށެވެ. އަދި ހަމަ އެފަދައިން 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލަކަށް މި ބަދަލާއެކު 32،000 ރުފިޔާ ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި 14،000 ރުފިޔާ ލިބޭ ޕްރިންސިޕަލަކަށް 28،000 ރުފިޔާ ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރަން ވެސް ސަރުކާރުން ދިރާސާއެއް ހެދި ކަމަށެވެ. އަދި ހަމަ އެފަދަ ދިރާސާއެއް ސިއްހީ ދާއިރާއަށް ވެސް ކުރާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.