ޕްރައިމަރީ ހެލްތްކެއާގެ މަސައްކަތް ރާއްޖޭގައި ފެށުމަށް މީހުން ތަމްރީނުކޮށް ނިމިއްޖެކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ޕްރައިމަރީ ހެލްތްކެއާ އިފްތިތާހު ކުރުމަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ޕްރައިމަރީ ހެލްތްކެއާގެ މަސައްކަތް އިފްތިތާހު ކުރުމުގެ ކުރިން އެކަމަށް ޚާއްސަ ގާނޫނެއް އެކުލަވާލަން ޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ޕްރައިމަރީ ހެލްތްކެއާއަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޕްރައިމަރީ ހެލްތްކެއާ ތައާރަފްވުން ވެގެންދާނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބެއް ގެނުވާނެ ކަމަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސިއްހީ ތާރީޚް ރެކޯޑްކުރެވި ހެޔޮ އަގުގައި ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ފަހިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ސިއްހީ ނިޒާމު ލާމަރުކަޒު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށާއި އެގޮތުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.