ކުޅުދުއްފުށީ ސިޓީން އިއްޔެ އިތުރު 34 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ސިޓީގެ އެކްޓިވް ކޭސް އަދަދު 482 އަށް އަރައިފި އެވެ.
އެ ސިޓީއިން އިއްޔެ 34 މީހުން ޕޮޒިޓިވްވެފައިވާއިރު، 21 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު ތިބީ ފުލޫ އޯޕީޑީއަށް ދެއްކި 226 ފަރާތަކާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 229 ފަރާތެއްގެ އިތުރުން ރޭންޑަމްކޮށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 26 މީހަކާއި ޑިޕާޗާ ސާމްޕަލެކެވެ.
މިދިޔަ ޑިސެންބަރު މަހު 20 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީގައި ކޮވިޑް ކޭސްތައް ފެންނަމުން ދާއިރު އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހު 28 ވަނަ ދުވަހުއެވެ. އެ ދުވަހު 109 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މީގެ ކުރިންވެސް އެކި ފަހަރުމަތިން ކުޅުދުއްފުށިން ކޮވިޑް ކޭސްތައް ފެނި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓް ކުރެވުނު ފަހަރުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މޮނީޓަރިންގައި އޮތްނަމަވެސް މިފަހަރު ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ގޭގެ ވަކި ކޮޓަރިއެއްގައި ކަރަންޓީނު ވެވޭނެ ގޮތަށް ނިންމާ ގޭގެ ބޭރުގައި ނޯޓިސް ތަތް ކުރުން ވެސް ހުއްޓާލުމަށް އެންމެ ފަހުން ބޭއްވި ޓާސްކްފޯސް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
މީގެ އިތުރުން ޕޮޒިޓިވްވާ މީހާއަށް ޕޮޒިޓިވްވީކަން ޕަބްލިކް ހެލްތުން އެންގި ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހެދުމަކަށް ނުގުޅާނެއެވެ. އެމީހަކު ކަރަންޓީންވުމާއި، ކޮންޓެކްޓުންގެ މައުލޫމާތު ޕަބްލިކް ހެލްތަށް އެންގުމަކީ އެ މީހެއްގެ އަމިއްލަ ޒިންމާއެކެވެ. އަދި ކޮންޓެކްޓުން ހޮސްޕިޓަލަށް ގޮސް ޓެސްޓްކުރުމަކީވެސް އެމީހުންގެ އަމިއްލަ ޒިންމާއެކެވެ.