އުރީދޫ މޯލްޑިވްސް އިން މިދިޔަ އަހަރުގެ ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 2.70 ރުފިޔާ ދިނުމަށް އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުންގެ ބޯޑުން މިމަހުގެ ތިންވަނަ ދުވަހު ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ފާސްކޮށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް 2.70ރ. ބަހަން ވަނީ ނިންމާފަ އެވެ.
އުރީދޫގެ ހިއްސާދާރުންނަށް ފައިދާ ލިބޭނީ މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށެވެ.
ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ހަމައެކަނި މަލްޓިނޭޝަނަލް ކުންފުނި ކަމަށްވާ އުރީދޫން ދަނީ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ތައްޔާރުވަމުންނެވެ.
އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ބައްދަލުވުމުގައި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ވެސް ފާސް ކުރެވިފައިވާ ކަމަށެވެ. އެ ހިސާބުތައް މިމަހުގެ އަށްވަނަ ދުވަހުގެ ކުރިން ޝާއިއު ކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މި ހިސާބުތަކާއި، އެހެނިހެން ނިންމުންތައް މާޗު މަހު އޮންނަ އަހަރީ ޖަލްސާގައި ހިއްސާދާރުންނަށް ހުށަހެޅޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އުރީދޫއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.