މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގެ ހދ އަތޮޅުގެ ފުރަތަމަ މެޗުތަކުގައި ނޭކުރަންދޫއިން ނޮޅިވަރަންފަރު ބަލިކުރިއިރު ހަނިމާދޫ އަތުން ކުޅުދުއްފުށި ބަލިވެއްޖެ އެވެ.
ކުޅުދުއްފުށީގައި ކޮވިޑް ގިނަވުމުން ފުރަތަމަ ހދ ބުރު ފަސްކުރުމަށް ފަހު އަނެއްކާވެސް ފެށިފައިވާއިރު މިފަހަރު މުބާރާތް ކުރިއަށް ގެންދަނީ ކުޅުދުއްފުށީގެ ބަދަލުގައި ނޮޅިވަރަންފަރުގަ އެވެ.
އިއްޔެ ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި މުބާރާތުގެ ހޯސްޓް ނޮޅިވަރަންފަރާ ނޭކުރަންދޫ ބައްދަލުކުރިއިރު 4 - 0 ގެ ނަތީޖާއަކުން ނޮޅިވަރަންފަރުގެ މައްޗަށް ނޭކުރަންދޫއިން ވަނީ ފަސޭހަކަމާއެކު ކުރިހޯދާފަ އެވެ. މިމެޗުގައި ނޭކުރަންދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނޭކުރަންދޫގެ ޖޯޒީ ނަމްބަރު 32 އަހްމަދު ޝަރުވާނެވެ.
އިއްޔެ ރޭ ކުޅެވުނު މުބާރާތުގެ ދެވަނަ މެޗުގައި ކުޅުދުއްފުށި ބަލިކޮށް ހަނިމާދޫއިން ވަނީ މޮޅެއް ހޯދާފަ އެވެ. މިމެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ހަނިމާދޫ މިމެޗު ކާމިޔާބުކުރީ 2 - 0 ގެ ތަފާތަކުންނެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަނިމާދޫގެ ޖޯޒީ ނަމްބަރު 7 އާސިފް ސަލީމް އެވެ.
ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ.
ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ.
އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ. މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.
މިއީ ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މީގެ ފުރަތަމަ މުބާރާތެވެ.