twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޓެކާސް މޯލްޑިވްސް ކަޕްގައި ކުމުންދޫ އަތުން ބަލިވެ ނޭކުރަންދޫ ކަޓައިފި

މުޙައްމަދު އަހުމަދު
Feb 11, 2022

މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގެ ހދ އަތޮޅު ބުރުގައި އިއްޔެ ކުމުންދޫ އަތުން ބަލިވެ ނޭކުރަންދޫ މުބާރާތާ އަލްވަދާއުކިޔަން ޖެހިއްޖެ އެވެ. މިމެޗު ކުމުންދޫއިން ކާމިޔާބުކުރީ 3 - 2 ގެ ނަތީޖާއަކުންނެވެ.

އިއްޔެ ހަވީރު ހދ ނޮޅިވަރަންފަރުގައި ކުޅެވުނު މެޗުގައި ކުމުންދޫއިން ވަނީ ފަހަތުން އަރާ ނޭކުރަންދޫ ބަލިކޮށް މުބާރާތުގައި ދެމިއޮތުމުގެ އުއްމީދުއާކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު 2 - 1 ން ނޭކުރަންދޫ ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގައި ކުމުންދޫ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ އަނބުރާލާފަ އެވެ.

ދެވަނަ ހާފުގައި ޖެހި ދެ ގޯލާއެކު ފަހަތުން އަރާ 3 - 2 ން ކުމުންދޫ މިމެޗު ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދިއިރު މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ގެންދިޔައީ ކުމުންދޫގެ ޖޯޒީ ނަމްބަރު 18 ސާޖިދު މުހައްމަދެވެ. އޭނާގެ ފަރާތުން މިމެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

މީގެކުރިން ކުމުންދޫ ކުޅުނު ދެމެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ކުޅުދުއްފުށި އަތުން 7 - 0 ން ބަލިވިއިރު ދެވަނަ މެޗުގައި ނޮޅިވަރަންފަރު އަތުން ބަލިވީ 2 - 0 ންނެވެ. އިއްޔެގެ މެޗުންވީ މޮޅާއެކު ލިބުނު 3 ޕޮއިންޓާއެކު ކުމުންދޫ އޮތީ މިވަގުތު ތާވަލު ފުލުގަ އެވެ. ކުމުންދޫއަށް ބާކީ އަދި އެއް މެޗު އޮންނާނެ އެވެ. އެއީ މިއަދު ހަވީރު ހަނިމާދޫއާ ބައްދަލުކުރާ މެޗެވެ.

މޮޅުވެގެން ފައިނަލަށް ދިޔުމުގެ ފުރުސަތު ކުމުންދޫއަށް އަދިވެސް އެބައޮތެވެ. މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ ގިނަ ލަނޑުތަކެއް ޖަހައިގެން މިއަދުގެ މެޗުން ހަނިމާދޫ ބަލިކުރަން އެޓީމަށް ކޮންމެހެން ވެސް މުހިންމެވެ.

އިއްޔެގެ މެޗުންވީ ބައްޔާއެކު ނޭކުރަންދޫއަށް މިވަނީ މުބާރާތާ އަލްވަދާއުކިޔަން ޖެހިފަ އެވެ. ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން ވެސް ނޭކުރަންދޫ ބަލިވިއިރު އެޓީމު މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ މުބާރާތުގެ ފުރަތަމަ މެޗުގައި 4 - 0 ން ނޮޅިވަރަންފަރު އަތުން އެކަންޏެވެ. ކުޅުދުއްފުށި، ކުމުންދޫ އަދި ހަނިމާދޫ އަތުން ވެސް ނޭކުރަންދޫވީ ބައްޔެވެ.

މުބާރާތުގެ އެންމެ ފަހު މެޗުތައް މިއަދު ކުޅެވޭއިރު މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހަނިމާދޫއާ ކުމުންދޫ އެވެ. އަދި މިރޭ ކުޅުދުއްފުށި ނުކުންނާނީ ނޮޅިވަރަންފަރާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355