twitterviber whatsapp telegramfacebookyoutube instagram
21st November 2024

ވާދަވެރި ފައިނަލަކަށް ކުޅުދުއްފުއްޓާއި ހަނިމާދޫ!

މުޙައްމަދު އަހުމަދު
Feb 12, 2022

މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގެ ހދ ބުރުގެ ވާދަވެރި ފައިނަލުގައި މިރޭ ފުޓްބޯޅައިގައި ޒަމާންވީ ދެ ވާދަވެރިންކަމަށްވާ ކުޅުދުއްފުއްޓާއި ހަނިމާދޫ ވާދަކުރަން ޖެހިއްޖެ އެވެ.

މިހާ ބޮޑު ފުޓްސަލް މުބާރާތެއްގެ ފައިނަލުގައި މިދެޓީމު ބައްދަލުކުރާ މީ ފުރަތަމަ ފަހަރުކަމުގައި ވިޔަސް ބޮޑު ފުޓްބޯޅައިގައި މި ދެ ރަށަކީ ޒަމާންވީ ދެ ވާދަވެރިންނެވެ. މިނިވަން ޗެމްޕިއަންޝިޕް ކަހަލަ މުބާރާތްތަކުގައި މިދެޓީމު ވަނީ އެތައް ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ.

ކުޅުދުއްފުއްޓާއި ހަނިމާދޫގެ ކުރިމަތިލުންތަކަކީ ފޯރިގަދަކޮށް އަދި އެހާމެ ވާދަވެރިކޮށް ނިމިފައިވާ ކުރިމަތިލުންތަކެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލެވެ. ހަނިމާދޫ އަތުން ކުޅުދުއްފުށި 9 - 0 ގެ ބޮޑު ތަފާތަކުން ހިތި ގޮތަކަށް ބަލިވި އެވެ.

ޖެހިގެން އައި 2017 ވަނަ އަހަރުގެ ފައިނަލުގައި ވެސް ވާދަކުރަން ޖެހުނީ ކުޅުދުއްފުއްޓާއި ހަނިމާދޫ އެވެ. އެހެންނަމަވެސް އެފަހަރު ކުޅުދުއްފުށިން ވަނީ ކުރީ ފަހަރުގެ ބަދަލުހިފާ ހަނިމާދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދާފަ އެވެ. މިކަހަލަ އެތައް ކުރިމަތިލުންތަކެއް މިދެޓީމުގެ މެޗުގައި ހިނގާފައިވެ އެވެ.

މިފަހަރުގެ ފުޓްސަލް މުބާރާތުގައި ވެސް މިދެޓީމު ބައްދަލުކޮށްފައިވެ އެވެ. އެމެޗު 2 - 0 ން ކާމިޔާބުކުރީ ހަނިމާދޫއިންނެވެ. މިފަހަރު ހަނިމާދޫ ފައިނަލަށް ދަތުރުކުރީ ކުޅުނު 4 މެޗު ވެސް ކާމިޔާބުކޮށް ޖުމްލަ 12 ޕޮއިންޓާއެކު އެއްވަނައިގައި އޮވެ އެވެ.

ކުޅުދުއްފުށިން ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކުރިއިރު ބަލިވީ ހަނިމާދޫ އަތުން އެކަންޏެވެ. ޖުމްލަ 9 ޕޮއިންޓާއެކު ކުޅުދުއްފުށި ދެވަނައިގައި ފައިނަލަށް ދަތުރުކުރިއިރު އެޓީމު ވެސް އޮތީ ފައިނަލަށް މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.

މެޗުގެ ކުރިން ކޭއޯއާ ވާހަކަދައްކަމުން ޓީމް ކުޅުދުއްފުށީގެ ކޯޗު ވިދާޅުވީ ޓީމުގައި ބައެއް ކަހަލަ އަނިޔާގެ މައްސަލަތައް އުޅުނު ކަމުގައިވިޔަސް މިރޭގެ ފައިނަލަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ޓީމު މިރޭގެ މެޗަށް ނުކުންނާނީ މޮޅުވާން ކަމަށް އޭނާ ބުންޏެވެ.

ހަނިމާދޫއަކީ މިމުބާރާތުގައި ވާދަކުރާ އެންމެ ތަފާތު އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި އެހެންނަމަވެސް އުއްމީދަކީ މިރޭގެ ފައިނަލުން މޮޅުވެ އަތޮޅު ޗެމްޕިއަނުންނަށްވުން ކަމަށް އޭނާ ބުނެ އެވެ. އަދި އޭނާ ވަނީ ދަނޑަށް ދުރުވެ ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓުކޮށްދިނުމަށް ކުޅުދުއްފުށީގެ ސަޕޯޓަރުންގެ ގާތުން އެދިފަ އެވެ.

ކޭއޯއާ ވާހަކަދައްކަމުން ކުޅުދުއްފުށީ ޓީމުގެ ކެޕްޓަން އަހްމަދު ދާއޫދު ބުނީ މެޗަށް ޓީމު އޮތީ ރެޑީގައި ކަމަށާއި އުއްމީދަކީ ތައްޓާއެކު އެނބުރި ރަށަށް އައުންކަމަށެވެ. އަދި ސަޕޯޓަރުންގެ ފަރާތުން ވަރަށް ފުރިހަމަ ސަޕޯޓެއްކޮށްދިނުމަށް އޭނާ ވަނީ އެދިފަ އެވެ.

މެޗުގެ ކުރިން ކޭއޯއާ ވާހަކަދައްކަމުން ހަނިމާދޫ ޓީމުގެ ކޯޗު މުހައްމަދު ނާސިރު ވިދާޅުވީ ހަނިމާދޫއިން ފައިނަލަށް ނުކުންނާނީ ތަށި ހޯދަން ކަމަށާއި މިވަގުތު މިއޮތް ޓީމަކީ އެކަން ހާސިލްކުރެވޭނެ ވަރުގެ ޓީމެއް ކަމަށް ނާސިރު ބުންޏެވެ.

އޭނާ ބުނީ ކުޅުދުއްފުށީ ޓީމަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި ދެރަ ޓީމެއް ފައިނަލާ ހަމައަށް ނާންނާނެކަމަށެވެ. އެހެންނަމަވެސް މިރޭ ހަނިމާދޫއިން ނުކުންނާނީ މޮޅުވާން ކަމަށް އޭނާ ބުނެ އެވެ.

ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ. ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ. އެގޮތުން ބަލާއިރު ހދގެ ޗެމްޕިއަނުން ބައްދަލުކުރަންޖެހޭނީ ހއގެ ޗެމްޕިއަނުންނާ އެވެ.

އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ. މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.

މިއީ ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މީގެ ފުރަތަމަ މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355