twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި

Feb 13, 2022

ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ބޮޑީ ވޯން ކެމެރާ ލޯންޗުކުރި އިރު، މިއަދު ފެށިގެން މާލެ އާއި އައްޑޫގައި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން މި ކެމެރާ ބޭނުންކުރާނެ އެވެ. އެ ރަސްމިއްޔާތުގައި ފުލުހުން އެ ކެމެރާ ބޭނުންކުރާނެ ގޮތް ވެސް ދައްކާލި އެވެ.

ފުލުހުންނަށް ބޭނުންވާ 1،400 ބޮޑީ ވޯން ކެމެރާ ހޯދަން އިއުލާންކުރީ މިދިޔަ އަހަރު ފަހުކޮޅެވެ. އެކަމަކު އެކަމަށް ޝަރުތު ހަމަވާ ބަޔަކު ނުވެގެން، ކެމެރާގެ އަދަދު 200 އަށް މަދުކޮށް، ބީލަމަށް އަލުން ހުޅުވާލި އެވެ. މި ކެމެރާ ބޭނުންކުރަން ފެށުމުގެ ގޮތުން، ހާއްސަ ޕައިލެޓް ޕްރޮޖެކްޓެއް ވެސް ފުލުހުން ކުރިއަށް ގެންދިޔަ އެވެ.

ފުލުހުން ބޭނުންކުރަން ގެނެއީ އެކްސްއޮން ބްރޭންޑްގެ "އެކްސްއޮން ބޮޑީ ތުރީ" ގެ ބޮޑީ ވޯން ކެމެރާ އެވެ. މިއީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ފުލުހުން ވެސް މިހާރު އެންމެ އާންމުކޮށް ފުލުހުން ބޭނުންކުރާ އެއް ބްރޭންޑެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ، ބޮޑީ ވޯން ކެމެރާ އަކީ ފުލުހުންގެ މަސައްކަތަށް ބޮޑު ބަދަލެއް ގެނެސް، އާންމުން ފުލުހުންނަށް ކުރާ އިތުބާރު ވެސް ބޮޑުވެ އަދި ފުލުހުން ޖަވާބުދާރީ ކުރުވުމަށް ވެސް މުހިންމު ވަސީލަތަކަށް ވާނެ ކަމަށެވެ. މި ކެމެރާ އަކީ ހަމައެކަނި ފުލުހުން ކުރާ ގޯސް ކަންކަން ބަލަން ބޭނުންކުރާނެ އެއްޗެއް ނޫން ކަމަށާއި މީގެން ފުލުހުންގެ ރައްކާތެރިކަން ވެސް ކަށަވަރު ކުރެވިގެން ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަށް ވެސް މުހިންމު ވަސީލަތަކަށް ވާނެ ކަމަށެވެ. އަދި މި ކެމެރާގެ ސަބަބުން މައްސަލަތައް ތަހުގީގުކުރުން އަވަސް ކުރަން ފަސޭހަ ވެސް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން ތިމާވެއްޓާއި ޓެކްނޮލޮޖީގެ މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވީ މި ޕްރޮގްރާމް ފަށާފައިވަނީ 200 ކެމެރާއިން ކަމަށް ވާތީވެ، ހުރިހާ ހާލަތެއްގައި، ހުރިހާ ފުލުހުންގެ އަތުގައި ކެމެރާ ހުރުން އެއީ މިވަގުތު އަދި އެކަން ހިނގާނެ ގޮތެއް ނޫންކަމަށެވެ. އަދި މާލެއާއި، އައްޑޫގައި އެކަނި އަދި މި ކެމެރާ ބޭނުންކުރިޔަސް، އިތުރު ކެމެރާ ލިބުމުން ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ބޭނުންކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ އާއި އައްޑޫގައި އެކަނި އަދި މި ކެމެރާ ބޭނުންކުރިޔަސް، އިތުރު ކެމެރާ ލިބުމުން ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ބޭނުންކުރަން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355