ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
ބިލުގެ ބޭނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަރުދަނާކުރުމުގެ ގޮތުން އެފަދަ ވިޔަފާރިތައް ގިންތިކުރުމުގައި ރިއާޔަތްކުރާ މައުލޫމާތުތަކުގެ ތެރޭގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބަލަހައްޓާ މައުލޫމާތުތައް ހިމެނުން ކަމަށް ބުނެފައި ވެއެވެ.
ބިލުގައިވާ ގޮތުން ޕެންޝަން ސްކީމްގައި ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ޕެންޝަން އޮފީހަށް ހުށަހަޅާ މައުލޫމާތުތަކުގެ ތެރެއިން އެ ވިޔަފާރިތަކުގެ މުވައްޒަފުންގެ އަދަދުގެ މައުލޫމާތު ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ޕެންޝަން އޮފީހުން ރެޖިސްޓްރާއަށް ހުށަހަޅަން ޖެހޭނެ އެވެ.
އަދި އަލަށް ރަޖިސްޓްރީކުރާ ވިޔަފާރިތައް ރަޖިސްޓްރީކުރެވޭ ތާރިހުން ފެށިގެން ގިންތިކުރުމުގައި އަމަލުކުރާނެ އުސޫލުތައްވެސް ބަޔާންކުރަން ޖެހެއެވެ.
މި ބިލަށް ބަހުސް ކުރަމުން ހޯރަފުށީ ދައިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަދައިދޭން ޖެހޭކަމަށާއި މިހާރު އުސޫލުތައް އޮތް ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމުގައި ދަތިތައް އެބަހުރި ކަމަށާއި އަދި އިންޓަރެސްޓް ރޭޓްވެސް މަތި ކަމަށެވެ.
ސަލީމް ވިދާޅުވީ ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކަކީވެސް ކުރިން ވަރަށް ކުދި ކުދި ކުންފުނިތައް ކަމަށާއި އަދި މިފަދަ ވިޔަފާރިތަކަށް ސަރުކާރުން އަޅާލަން ޖެހޭ ކަމަށެވެ.