ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި އިކޮނޮމިކް މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ޤާއިމްކުރެވުނު އެއްބަސްވުމުގެ ސަބަބުން ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމުކުރުމަށް އެހީތެރިކަން ލިބި އިޤްތިޞާދު ސިންދަފާތުކުރުމަށް މަގުފަހިވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ފައްޔާޒު އިސްމާއިލްއެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއާއެވެ.
މިއީ ސަރުކާރުގެ ޕޮލިސީތައް ކަނޑައެޅުމުގައި، އެވިޑެންސް ބޭސްޑް ޕޮލިސީ މޭކިންއަށް ރިއާޔަތްކޮށް އދގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތަށް ރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ސޮއިކުރި އެމްއޯޔޫއެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
މި އެމްއޯޔޫގެ ދަށުން މައިގަނޑު ހަތަރު ދާއިރާ އަކުން ޔޫއެންޑީޕީން އެއްބާރުލުން ދޭނެ އެވެ.
އެދާއިރާތަކުގެ ތެރޭގައި ޑޭޓާ މެނޭޖްކުރުމާއި ދިރާސާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމާއި ސަރުކާރަށް ފަންނީ ލަފާ ދިނުމުގައި ބޭނުންވާ ޑޭޓާ މެނޭޖްމަންޓް ގަވަނަންސް ހަރުދާނާކުރުމަށް އެހީތެރިވެދިނުމެވެ. އަދި އ.ދއިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތައް ރާއްޖޭގައި ތަންފީޒުކުރުމުގެ ތެރެއިން، ކްލައިމެޓް އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަތުން އަދި މިކަމާގުޅޭ އިންވެސްޓްމަންޓް މެޕެއް އެކުލަވާލުމާއި، ރާއްޖޭގެ އިޤްތިޞާދަކީ، ކަނޑުގެ މުއްސަނދިކަމަށް ބަރޯސާވާ ދެމެހެއްޓެނިވި ނޫ އިޤްތިޞާދަކަށް ހެދުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މީގެތެރޭޣައި ހިމެނެއެވެ.
މީގެއިތުރުން އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވުމާއި، އަންހެނުން ހިއްސާވާ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމާއި، ދެމެހެއްޓެނިވި ފަހި އިޤްތިޞާދެއް ބިނާކުރުމަށް އެހީވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުނަރު އިތުރުކުރުމަށް މަސައްކަތް ކުރުމަށް މި އެއްބަސްވުމުގެ ދަށުން އެއްބާރުލުން ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި އެމްއޯޔޫގެ ދަށުން ޕޮލިސީތަކާއި ސްޓްރެޓަޖީތައް އެކުލަވާލުމަށްޓަކައި މިހާރަށް ވުރެ ބޮޑަށް ޑޭޓާގެ ބޭނުން ފުރިހަމަކޮށް ހިފުމަށް މަގުފަހިކޮށްދޭނެ އެވެ.