twitterviber whatsapp telegramfacebookyoutube instagram
22nd October 2024

މާލީ ބަޔާން އޮޅުވައިލައިފިނަމަ ޖޫރިމަނާކޮށް ޖަލު ހުކުމެއް އަންނަ ބިލެއް

ޚަދީޖާ އާދަމް
Feb 16, 2022

މާލީ ބަޔާން ހުށައަޅަންޖެހޭ ފަރާތްތަކުން އެ ބަޔާނުގައި ދޮގު މައުލޫމާތެއް ހިމަނައިފިނަމަ އެމީހަކު ޖޫރިމަނާކޮށް 2 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މި ބިލް ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އެވެ.

"މާލީ އަދި އެހެނިހެން މަސްލަހަތު ހާމަ ކުރުމުގެ ބިލު" ނަމުގައި ހުށައެޅި މި ބިލުގައި މަގުސަދަކީ ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ދަށުން މާލީ ބަޔާން ހުށައަޅަންޖެހޭ މީހުންނާއި ދައުލަތުގެ މަގާމުތައް އަދާކުރާ ފަރާތްތަކުގެ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް އެއް ހަމަކޮށް ދެ ފުށް ފެންނަ ގޮތަކަށް މާލީ ހުށައެޅުމުގައި އަމަލުކުރަންޖެހޭ އުސޫލްތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުންކަމަށެވެ.

މަލީ ބަޔާން ހުށައަޅަންޖެހޭ ފަރާތަކުން ބަޔާނުގައި ތެދު ނޫން މައުލޫމާތު ހިމަނައިފިނަމަ ނުވަތަ މައުލޫމާތު ފުރިހަމައަށް ހިމަނާފައި ނުވާނަމަ އެކަމުގެ ކުޑަ ބޮޑު މިނަށް ބަލާ ގިނަ ވެގެން 500،000ރ ( ފަސްލައްކަ ) ރުފިޔާއިން ޖޫރިމަނާކުރުމަށް ބިލުގައިވަނީ ހިމަނާފައެވެ. އަދި މާލީ ބަޔާނަށް ދޮގު މައުލޫމާތުދީ ބަޔާން ފުރިހަމަ ނުކޮށްވާނަމަ އެމީހަކު ހުރި މަޤާމަކުން ވަކިކޮށް ގިނަވަގެން 2 އަހަރަށް ޖަލަށްލުމަށްވެސް ބިލުގައިވަނީ ހިމަނާފައެވެ.

ދޮގު މައުލޫމާތެއް މާލީ ބަޔާނުގައި ހިމަނާފައިވާ ފަރާތެއްގެ މައްސަލަ ތަހުޤީގުކުރުމަށް ކަމާއި ބެހޭ މުއައްސަސާއަކަށް ފޮނުވާ އެ މައްސަލަ 1 މަސްދުވަހުގެ ތެރޭގައި ނިންމާ ޝަރީއަތަށް ހުށައަޅަންޖެހޭނެކަމަށްވެސް އިވާ ހުށައެޅުއްވި ބިލުގައިވަނީ ހިމަނާފައެވެ. އަދި ކޯޓްތަކުން އެ މައްސަލަ 2 މަސްދުވަހުގެ ތެރޭގައި ނިންމާ ހުކުމެއް ކުރަންޖެހޭނެކަމަށްވެސް ބިލުގައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355