ފާމަސީތަކުގައި ހުންނަން ޖެހޭ އަސާސީ ބޭސްތަކުގެ ލިސްޓު ހެލްތް މިނިސްޓްރީން އާންމުކޮށްފި އެވެ.
ހެލްތް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އަސާސީ ބޭސްތަކުބޭސްތައް ވަނީ ތިން ކެޓަގަރީއަކަށް ބަހާލާފަ އެވެ. އެ ލިސްޓުގައި 202 ބޭހެއް ހިމެނެ އެވެ.
މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ އެ ލިސްޓުގައި ނޫކުލައިން ފާހަގަކޮށްފައިވާ ބޭސްތަކަކީ ރަޖިސްޓްރީކޮށް ހިންގާ ހުރިހާ ރީޓެއިލް ފާމަސީތަކުގައި ބެހެއްޓުން ލާޒިމުވާ ބޭސްތަކެއް ކަމަށެވެ.
ލިސްޓުގައި ނޫކުލައިން ފާހަގަކޮށްފައިވާ ބޭސްތަކާއި ލިސްޓުގައި ފެހިކުލައިން ފާހަގަކޮށްފައިވާ ބޭސްތަކަކީ އަތޮޅު، ރީޖަނަލް އަދި ޓާޝަރީ ލެވެލްގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ހުންނަ ހުރިހާ ފާމަސީއެއްގައި ބެހެއްޓުން ލާޒިމުވާ ބޭސްތައް ކަމަށްވެސް އިއުލާނުގައިވެ އެވެ.
ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ޓާޝަރީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިންގާ ފާމަސީތަކުގައި ބެހެއްޓުން ލާޒިމުކޮށްފައިވެސްވެ އެވެ.
ހެލްތް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ ފާމަސީތަކުގައި ލިސްޓުގައި ބުނެފައިވާ ގޮތުގެ މަތިން އަސާސީ ބޭސްތައް މެދު ކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އަންގާފައިވެ އެވެ.
އަސާސީ ބޭސް ފާމަސީތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި ކޮންމެ ތިން މަހަކުން އެއްމަހު ފާމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ބާކީ ހުރިވަރު އެނގޭ ގޮތަށް ހެލްތް މިނިސްޓްރީ އަށް ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.
ލިސްޓުގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސް ސިޓީއާ އެކުގައި ދޫކުރާ ބޭހާއި، ބޭސް ސިޓީއަކާ ނުލައި ދޫކުރާ ބޭސްތައް ފާމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެ އެވެ.
ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ހެލްތް މިނިސްޓްރީން ނެރުނު ގަވައިދުގެ ދަށުން އަސާސީ ބޭސްތައް ކޮންޓްރޯލް އަގުގައި ވިއްކަން ޖެހެނީ އަންނަ މާޗް މަހުން ފެށިގެންނެވެ.
އަސާސީ ބޭސްތަކުގެ ލިސްޓު އާންމުކޮށްފައިވާއިރު ބޭހުގެ އަގުތައް ސަރުކާރުން އަދި އާންމު ނުކުރެ އެވެ. އާ ގަވައިދުގެ ދަށުން ބޭސްތައް ވިއްކާ އަގުތައް ފާމަސީތަކުގައި ފެންނަ ގޮތަށް ބަހައްޓަން ވެސް ޖެހެ އެވެ. އަސާސީ ބޭސްތައް ފިޔަވައި ދެން ހުރި ބާވަތުގެ ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރާނީ މި އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ.
މިނިސްޓްރީން މިގޮތަށް އެންގި ނަމަވެސް އަތޮޅު ތެރޭގެ ގިނަ ފާމަސީތަކުން އަސާސީ ބޭސް ނުލިބޭ ކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރެ އެވެ.