ފެނާއި ކަރަންޓް ފަދަ އަސާސީ ހިދުމަތްތަކުގެ ބިލުތައް ނުދެއްކުމުން ޖޫރިމަނާ ކުރާ ކުރުން ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑެ) ހުށަހަޅުއްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ހުށަހެޅުއްވި ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ބޮންޑެ ވިދާޅުވީ، ފެނުގެ ހިދުމަތް ހޯދާ ފަރާތްތަކުން އޭގެ އަގު ނުދީފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ބިލުން އުނިކުރެވެން ޖެހޭނެ ކަމަށެވެ.
ބޮންޑޭ ވިދާޅުވީ ކުރީގައި ރާއްޖޭގައި ރަށު ތެރެއަށް ފެން ހިންދޭނެ ނިޒާމް ގާއިމްކޮށްފައި އޮންނަ ކަމަށެވެ. ނަމަވެސް މިހާރު ފެން ނައްތާލާކަމަށް ވިދާޅުވި އެވެ. ފެނަކީ ރައްކާކުރެވޭނެ އެއްޗެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ ފެނުގައި ހުންނަ ނަޖިސްބައި ޓްރީޓްމަންޓް ޕްލާންޓް މެދުވެރިކޮށް ނައްތާލުމަށް ފަހު ރަށަށް ފެން ހިންދޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
ބޮންޑޭ ވިދާޅުވީ ފެނާއި ނަރުދަމާގެ ހިދުމަތުގެ ގާނޫނު ވުޖޫދަށް އަންނައިރު ފެނުން ނެގޭނެ އެންމެ ބޮޑު އަގުވެސް ކަނޑައެޅެންޖެހޭ ކަމަށެވެ. އަދި އޭގެ އިތުރަށް ކަރަންޓު މީޓަރުތަކުން ނަގަމުންދާ ހުރިހާ ޖޫރިމަނާއެއް ނެގުން ހުއްޓައިލަންޖެހޭ ކަމަށެވެ.
"ކަރަންޓު އަދި ފެން ބިލު ނުދެއްކެނީ ފަގީރުވުމުން. ފަގީރުކަމުގެ ސަބަބުން ކަރަންޓު ބިލު ނުވަތަ ފެން ބިލު ނުދެއްކޭ މީހާ ބިލުގައި ޖޫރިމަނާ ހިމަނައިގެން ބިލު ދައްކަންޖެހެމުން އޮންނަނީ ދަރަނިވެރިވެފައި." ބޮންޑޭ ވިދާޅުވި އެވެ.
މީގެ އިތުރުން ބޮންޑޭ ވިދާޅުވީ އަސާސީ ހިދުމަތަކާއި މީހަކަށް ދިރިއެއް ނޫޅެވޭނެ ކަމަށާއި ވިޔަފާރިއެއް ގޮތުގައި އެ ހިދުމަތްތައް ދިނަމަވެސް އަގު ނުދެއްކި ލަސްވާ ކޮންމެ ފަހަރަކު ޖޫރިމަނާ އެރުވުން ރަނގަޅެއް ނޫންކަމަށެވެ.
ބޮންޑޭ ހުށަހެޅުއްވީ އަސާސީ ހިދުމަތްތަކުން އެއްވެސް ވަރެއްގެ ޖޫރިމަނާ ނުނެގުމަށެވެ.