ފެނާއި ނަރުދަމާގެ ހިދުމަތުން ނެގޭ ފިކްސްޑް ޗާޖަސް ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކުރަން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މި ބިލް ހުށައެޅުއްވީވެސް ޔާސިރެވެ. މަޖިލީހަށް ބިލް ހުށައަޅައި ދެއްވުމަށްފަހު އެ ބިލަށް އިތުރު އިސްލާހެއް ހުށައަޅުއްވަމުން ޔާސިރު ވިދާޅުވީ ފެނާއި ނަރުދަމާގެ ހިދުމަތަކީ އަސާސީ ހިދުމަތެއްކަމަށާއި އެ ޤާނޫނުގައި ފެނާއި ނަރުދަމާގެ ހިދުމަތުން ނެގޭނެ އެންމެ މަތީ އަގު އިއުލާނު ކުރަންވާނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، މިހާރު އެކި ކުންފުނި ތަކުން އެކި ރަށްރަށުގައި ނަގާ ފިކްސްޑް ޗާރޖަސް އަދި އަދަދު ތަފާތު ކަމަށެވެ.
އެހެންކަމުން ފެނާއި ނަރުދަމާގެ ހިދުމަތުން ނެގޭ ފިކްސްޑް ޗާރޖަސް ދިވެހި ހުރިހާ ރައްޔިތުންނަށް އެއްހަމަ ކުރަން ހުށަހަޅުއްވާ ކަމަށް ޔާސިރުގެ އިސްލާހްގައި ވިދާޅުވެފަވެއެވެ.
މިއަދުގެ ޖަލްސާގައި ވަނީފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްވެސް ފަށާފައެވެ. ބަހުސް ކުރަށްވަމުން ޔާސިރު ވަނީ ފެނާއި ނަރުދަމާގެ ހިދުމަތް ހޯދުމުގައި ހާއްސަކޮށް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް މި ވަގުތު ދަތިތަކެއް ހުރިކަން ފާހަގަ ކުރަށްވާފައެވެ.
އެ ހިދުމަތްތަކަކީ އަސާސީ ޙައްޤެއްގެ ގޮތުގައި ވާހަކަދައްކައި ކަނޑައަޅައި ނިންމާއިރުގައި ފިކްސްޑް ޗާޖަސް ވާންޖެހޭނީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަތުން އެއް އަދަދަކުން ނެގޭ އަދަދަކަށް ކަމަށް އޭނާ ވިދާޅުވިއވެެ.