twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބުލީ ކުރުން، ފަރުވާއެއް ނުލިބިފައިވާ ބޮޑު ބައްޔެއް!

ނަބީލާ އިސްމާޢީލް
Mar 2, 2022
2

ބުލީ ކުރުން ނުވަތަ ހަނގާ ކުރުމަކީ މި ކުޑަކުޑަ ރާއްޖޭގައި ވެސް ވަރަށް ބޮޑަށް ކުރަމުން އަންނަ، ވަރަށް ނޭދެވޭ އަދި ހިތާމަވެރި ކަމަކެވެ. އެކަން ކުރިމަތިވަނީ ވަކި އުމުރެއްގެ ވަކި ޖިންސެއްގެ މީހަކަށް ނޫނެވެ.

ބުލީ ކުރާ މީހާއަށް މިކަމަކީ އެހާ ބޮޑު ކަމަކަށް ނުވި ކަމުގައިވިޔަސް، ނުވަތަ އެއީ ހަމަ މަޖަލަކަށް ކުރާ ކަމެއް ކަމުގައި ވިޔަސް، މިކަމުގެ ޝިކާރައަކަށްވާ މީހާ އަށް ވަރަށް ނޭދެވޭ އަސަރު ތަކެއް ކުރެއެވެ. އޭނާގެ މުޅި ދިރިއުޅުން ހަލާކުވެ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އެތަކެއް އަނިޔާ ތަކެއް އޭނާ އަށް ލިބެއެވެ. ގިނަ ފަހަރަށް މީހާ މުޅި ދުނިޔެމަތިން ފޫހިވާ ފަހަރުވެސް މަދެއް ނޫނެވެ.

ގިނައިން ކުދިން ބުލީގެ ޝިކާރައަކަށް ވަނީ އެކުދިންގެ ސްކޫލް ދުވަސްކޮޅު އެވެ. ސްކޫލުގައި އުޅޭ ދުވަސް ކޮޅު ކުލާހުގެ އެހެން ކުދިންނާއި ޖެހޭ ދެބަސްވުން ތަކެއްގެ ސަަބަބުން، ނުވަތަ ކުލާހުގައި އެންމެ ކުޑަ ކުއްޖާއަށް ވުމުން، ނުވަތަ ހަމުގެ ކުލަ ކަޅު ވެގެން، ނޫނީ ހެދުން އަޅާ ގޮތް ހަޑިވެގެން، މިހެން ގޮސް މިފަދަ ބައިވަރު ކަންތައްތަކާއި ހެދި އެހެން ކުދިން ބުލީ ކުރެއެވެ.

ހިތާމަ އަކީ މިފަދަ ކަންތައްތަކުގެ ވާހަކަ ކުދިން، އެކުދިންގެ މައިންބަފައިން ގާތު ނުވަތަ ޓީޗަރުން ގާތު ބުނުމުން ވެސް އެއީ މާބޮޑު ކަމަކަށް ނުހަދާ އަޅާ ނުލާ ދޫކޮށްލާ ކަމެވެ. އަދި ސްކޫލުގެ މެނޭޖްމެންޓްވެސް އެ ޝަކުވާ ހިފައިގެންދާ ކުއްޖާއަށް އެހީތެރިވުމުގެ ބަދަލުގައި އެ ކުއްޖާގެ އުދާސްތައް އިތުރު ކޮށްލަ އެވެ. ހިތާމައަކީ އެއީ އެވަރު ބޮޑު ކަމަކަށް ނުހަދާ ކަމެވެ. ބައެއް ފަހަރު އާއިލީ ގުޅުމާއިހެދި ނުވަތަ އެހެން މީހުންނާއި މޫނު ކެނޑެން ޖެހިދާނެޔޭ ހީވެގެން ވެސް ދަރިފުޅަށް ދިމާވާ މިފަދަ ކަންތަކާއި އަޅާނުލަން ބުނާ މައިން ބަފައިން މަދެއް ނޫނެވެ.

އަދި ބައެއް ހާލަތުގައި ބުލީ ކުރާ ދަރިވަރުންނަކީ ކުލާހުގައި އެންމެ މޮޅު ކުދިންނަށް ވާތީ ނުވަތަ ކޮންމެވެސް އިސް މީހެއްގެ ދަރިއަކަށް ވާތީ، މިފަދަ ކަންތައްތަކާ އަޅާނުލާ ދޫކޮށްލާ މުދައްރިސުން ވެސް މަދެއް ނޫނެވެ. މި ކަމުގެ ސަބަބުން ކިޔެވުން ހަލާކުވެފައިވާ އެތައް ކުދިންނެއް މި މުޖުތަމައުގައި އެބަތިއްބެވެ.

ދިރާސާއަކުން ދައްކާ ގޮތުގައި ސުކޫލުގައި އެކި ކުދިންގެ ފަރާތުން ކޮންމެ 5 ކުއްޖަކުން އެއް ކުއްޖަކީ ބުލީގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. މިކަމުގެ ސަބަބުން ކުއްޖާ އަމިއްލަ ނަފްސް ދެކެ ރުޅި އައިސް ކުއްޖާގެ ކިޔެވުމަށް ވެސް ނޭދެވޭ އެތައް އަސަރެއް ކުރެއެވެ. މިކަމުގެ ނަތީޖާ އެއްގެ ގޮތުން ނަފްސާނީ ގޮތުން ކުއްޖާއަށް ނޭދެވޭ އެތައް އަސަރެއް ކުރެއެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅުމަށް އުނދަގޫވެ އަމިއްލަ ނަފްސަށް އޮންނަށް އިތުބާރު ގެއްލިގެން ދެއެވެ.

ޖޯކަކަށް ހަދައި ބުލީ ކުރާއިރު އަނެކާއަށް ވާނެ ގެއްލުމަކާއި ކުރާނެ އަސަރެއް ވިސްނާލުމެއް ނެތި ދުލަށް އައިހާ އެއްޗެއް ގޮވާލާއިރު އެކުރެވެނީ ސަޅި ކަމެއްހެން ހީވަނީ ހެއްޔެވެ؟ ނޫނީ ތިމާ އަށް އެކަމުން ލިބެނީ ކޮން ހިތްހަމަ ޖެހުމެއް ހެއްޔެވެ؟ ދުނިޔޭގެ ނިސްބަތުން ބަލާއިރު ބުލީގެ ޝިކާރައަކަށްވާ މީހުން ޑިޕްރެޝަންއަށް ގޮސް އަމިއްލަ އަށް މަރުވާ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

ކޮންމެ އިންސާނެއްވެސް ހައްދަވާފައިވާނީ އެންމެ ރީތި ސޫރައިގައެވެ. ނަމަވެސް ބައެއް މީހުންނަށް މަގެއްގެ މަތިން ވެސް ހިނގާލުމަކީވެސް ބޮޑު ތަކުލީފަކަށް އޮންނަނީ ވެފައެވެ. މި ކަމަކީ އަޅުގަނޑުމެންގެ ތެރޭގައި ހިނގާ ވަރަށް ނޭދެވޭ އަމަލެކެވެ. ސޯސަލް މީޑިޔާ އާއި އެހެން ވެސް ގޮތް ގޮތުން އަނެކުންގެ އަބުރު ކަތިލަމުން ދާއިރު ވާނެ ދެރައެއް ވިސްނާ ލަން ތޯއެވެ؟ ވިސްނާލަ ބަލާށެވެ. އެއީ ތިބާގެ ލޯބިވާ ގާތް ތިމާގެ މީހެއް ނަމަ ތިބާ އަށް ބަލަން ހުންނަން ކެތްވާނެތޯއެވެ؟

ކުދިން ބުލީސްއަށް ވުމުގައި އެކުދިންނަށްވެސް ބައިވަރު ކަންތައްތަކެއް ދިމާވެއެވެ. އާއިލާގެ ފަރާތުން މަލާމާތާއި ރުޅި އެރުވުން ތަހައްމަލު ކުރާ ކުދިންނަކީ ސެލްފް އެސްޓީމްދަށް ކުދިންނެވެ. އަދި ގޭގެ މާހައުލުގައި އެކުދިން ކުރިމަތިލާންޖެހޭ ކަންކަމުގައި އަމިއްލަ އެއްވެސް ބާރެއް ނޯންނަކަން އިހުސާސުކުރެވެން ފެށުމުން ސްކޫލުގައި އެކުއްޖާއަށް އޮންނަ މިނިވަން ކަމާ ބާރުގެ ބޭނުން ހިފައެވެ. ބައެއް ފަހަރު ކުދިން ބުލީ ކުރަނީ ސްކޫލުގައި އެކުގަ އުޅޭ ކުދިންގެ ފަރާތުން އަންނަ ޕްރެޝަރގެ ސަބަބުންނެވެ. އަނެއް ބައި ފަހަރު އެކުދިންނަކީ ވެސް ބުލީގެ ޝިކާރައަކަށް ވެފައިވާ ކުދިން ކަމުން އެކަމާ ކުރިމަތިލާން ނޭނގި އެކުއްޖާވެސް އެހެން ކުދިން ބުލީ ކުރަން ފަށަނީއެވެ. ބުލީ ކުރާ ބައެއް ކުދިން އެކަން ކުރަނީ ސޯޝަލް ސްޓޭޓަސް އަށްޓަކައެވެ. ރައްޓެހިންނާ އެހެން ކުދިންގެ މެދުގައި މަގުބޫލުކަން ހޯދަންވެސް އެއްކުއްޖަކާ ޖައްސާލައިގެން އުޅޭތަން އާދެއެވެ.

މިހުރިހާ ކަމަކީވެސް ކުދިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން އަދި ޓީޗަރުން އަހައްމިއްޔަތުކަން ދޭން ޖެހޭ ކަންކަމެވެ. ސްކޫލުގައި ކުދިންގެ ފަރާތުން ނޭދެވޭ އަމަލުތައް ފެންނަން ފެށުމުން އަވަހަށް އެކުދިންނާ ވާހަކަ ދައްކާ ޓީޗަރުންނާއި ބެލެނިވެރިންވެސް އެކުދިންނަށް އޯގާތެރިކަމާއެކު ވިސްނަދޭން މަސައްކަތް ކޮއްފިނަމަ ގިނަ ކުދިން އެކުވެރިކަމާއެކު ކުދިންނާ ގުޅިގެން އުޅެން ދަސްކުރާނެއެވެ.

އަދި ބުލީ ކުރުމަށް ދިމާވާ ކަންކަމުގައި އެކުދިންނަށް ހައްލެއް ހޯދައިދިނުން ނުވަތަ މަޝްވަރާ ކޮށްލުމަކީވެސް އެކުދިންނަށް އުއްމީދެއް ލިބި ރަނގަޅު ކުދިންނަށް ވާން މަގުފަހިވެދާނެ ކަމެކެވެ.

މަލާމާތާއި ފުރައްސާރަ ކުރުން ނުވަތަ ބާކީ ކުރުން ފަދަ ކިތައްމެ ކުޑަ އަމަލެއް ފެންނަ ކުއްޖަކާވެސް ވާހަކަ ދެކެވިދާނެއެވެ. އަދި ކުދިންނާއި ޓީޗަރުންގެ މެދުގައާއި ސްކޫލު މެނޭޖްމަންޓްގެ ފަރާތުން އެކުއްޖާއަކީ ގޯސް ކުއްޖެއްކަމަށް ލޭބަލް ކޮށް އެކުއްޖާއާއިމެދު އުއްމީދު ކުޑްކޮށްލެވޭ ހިސާބަށް ދިޔުމުގެ ކުރިން އަޅާލުމާއި ލޯބި ދީގެން ވިސްނަދެވިދާނެއެވެ.

މަސައްކަތުގެ މާހައުލުގައި ބުލީ ކުރުން ނުވަތަ އެކަހެރިކޮށް ތަފާތު ކުރާ މީހުންވެސް ވަރަށް ގިނަ އެވެ. އެ ގޮތުން ބުލީގެ ޝިކާރައަކަށްވާ މީހާއާއި ބެހޭ ގޮތުން އެހެން މުވައްޒަފުން ގެންދާ ޝަކުވާތައް އެއެއްވެސްވަރަކަށް ތެދުހަގީގަތް ބަލާ ނުލާ ތަނުގެ ވެރިން ގަބޫލު ކުރާ ކަމީވެސް ވިސްނާލަން ޖެހޭ ހިތާމަވެރިކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355