އާބާދީ ބޮޑެތި ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ޕްރައިވެޓް ހޮސްޕިޓަލްތައް އަޅަން ޖެހޭ ކަަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހެލްތު މިނިސްޓަރު ނަސީމް ހާޒިރުވެވަޑައިގަތީ ގދ. ތިނަދޫގައި ގާއިމް ކުރާ ޓާޝަރީ ހޮސްޕިޓަލާ ގުޅޭ ގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މި ފުރުސަތުގެ ތެރެއިން އެހެން މެމްބަރުންވެސް އިތުރު ސުވާލުތައް ވަނީ މިނިސްޓަރާ ކުރައްވާފައެވެ.
އެގޮތުން ރަށްރަށުގައި ޕްރައިވެޓް ހޮސްޕިޓަލްތަައް އެޅުމާ ގުޅޭ ގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސުވާލު ކުރެއްވި އެވެ. ޖާބިރު ސުވާލު ކުރެއްވީ، ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ހޮސްޕިޓަލްތައް އަޅައި ހިންގަން ފުރުސަތު ނުދެނީ ކީއްވެގެންތޯއެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ނަސީމް ވިދާޅުވީ ސިއްހީ ހިދުމަތްތައް ދޭން ޖެހޭނީ ހަމައެކަނި ސަރުކާރުން ކަމަށް އެއްގޮތަކަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށާއި އަދި ރަށްރަށުގައި ޕްރައިވެޓް ހޮސްޕިޓަލްތައް އަޅަން އެއްވެސް ހުރަހެއްވެސް ނޯންނާނެ ކަމަށާއި އަދި އެފަދަ ދިރާސާތައް ވެސް ކުރަމުންދާ ކަމަށެެވެ.
ނަސީމް ވިދާޅުވީ، ރާއްޖޭގެ ބޮޑެތި އާބާދީތައް ހުންނަ ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ހިންގާ ހޮސްޕިޓަލެއް ނެތުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. ސަރުކާރުން ވެސް އެދެނީ އާބާދީ ބޮޑު ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ވެސް ހޮސްޕިޓަލް އަޅައިގެން ހިންގުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮންޓްރެކްޓަ ފައިނޭންސް އުސޫލުންނާއި އިންޑިއަން އެގްޒިމް ބޭންކްގެ ލޯނު އެހީއާއި، ޑޯޗާ ލޯނު އެހީއާއި، ސަރުކާރު ބަޖެޓުން ހަރަދު ކޮށްގެން 25 ރަށެއްގެ ހޮސްޕިޓަލްގެ މަސައްކަތް ވެސް މި އަހަރުގެ ދެވަނަ ކުއާޓަރު ތެރޭގައި ޓެންޑަ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.