twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޒިގްޒެގް ފުޓްސަލް މުބާރާތް: ރަށުން ބޭރު ގިނަ ކުޅުންތެރިން، މަގުސަދު ހާސިލުވޭތަ؟

މުޙައްމަދު އަހުމަދު
Feb 27, 2022
11

މިހާރު ކުރިއަށްދާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތަކީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމާއެކު ފުޓުސަލްއަށް ޝައުގުވެރި ކުރުވުމަށް ބާއްވާ މުބާރާތެކެވެ. އަދި މިއީ ރަށުގައި ބާއްވާ އެންމެ ގިނަދުވަސްވީ އެންމެ ފޯރިގަދަ އޮފީސް މުބާރާތްވެސް މެއެވެ. ނަމަވެސް މި އަހަރުގެ މުބާރާތުގައި ކުޅުދުއްފުށީގެ ފާހަގަކޮށްލެވޭ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކަކަށް އެކަށީގެންވާވަރަށް ކުޅުމުގެ ފުރުސަތު ލިބިފައިވާނުވާކަން ފާހަގަކޮށްލެވެ އެވެ.

ޒިގްޒެގުން ނެރެފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން މުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމާއެކު ފުޓުސަލްއަށް ޝައުގުވެރި ކުރުވުމުގެ އިތުރުން މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ސަރުކާރުގެ އޮފީސްތައް / ކުންފުނިތަކުގެ މުވައްޒަފުންނަށް ހޯދައިދިނުމެވެ. އަދި ސަރުކާރުގެ އޮފީސް / ކުންފުނިތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމަކީ ވެސް މިމުބާރާތުގެ މަގުސަދެކެވެ.

އެހެންނަމަވެސް ކުޅުދުއްފުށީގެ މަޝްހޫރު ކުޅުންތެރިންތަކަކަށް އެކަށީގެންވާވަރަށް ކުޅެން ފުރުސަތު ލިބިފައިނުވާކަން ގިނަ ބަޔަކު އަންނަނީ ފާހަގަކޮށް އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ބަލާލާއިރު އެންމެ ފާހަގަކޮށްލެވެނީ މިމުބާރާތުގެ ތަށި މިލްކުކުރި ހަމައެކަނި ކެޕްޓަން، ޕޮލިސް ކުލަބްގެ ފަރުހަތު މުހައްމަދު (ފަރޭ)އަށް ވެސް ޕޮލިސް ކުލަބް މިފަހަރުގެ މުބާރާތުން ކަޓައިގެންދިޔައިރުވެސް އެއްގޮތަކަށް ވެސް ކުޅުމުގެ ފުރުސަތު ލިބިފައިނުވާކަމެވެ.

ރަށުގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި އަބަދުވެސް ހިމެނެމުން އަންނަ ބައެއް ކުޅުންތެރިންކަމުގައިވާ ހުސެއިން އަބްދުއްރަޝީދު (ބިގޭ)އާއި މުހައްމަދު ހަސަން (ޕޯޓޭ)އަށް ވެސް މިފަހަރުގެ މުބާރާތުގައި ކޭޕީއެލް ކަޓައިގެންދިޔައިރުވެސް ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ. ކޭޕީއެލްގެ އަންވަރު އާދަމްއާއި އިބްރާހިމް ހަސަން (ކުޑަ އިއްބެ)އަށް ވެސް އެންމެ އެކަށީގެންވާވަރަށް ކުޅުމުގެ ފުރުސަތު ލިބިފައިނުވާކަން ފާހަގަކުރެވޭއިރު އެކުޅުންތެރިން ވަނީ މަދުން ނަމަވެސް ދަނޑުމަތިން ފެނިފަ އެވެ. ކޭޕީއެލްގެ އަބޫބަކުރު އަލީ (ގްރީން އަބޫ) ވެސް މިމުބާރާތުގައި ޓީމުގައި ހިމެނި ކުޅެފައެއް ނުވެ އެވެ.

އުރީދޫގެ ޓީމުގެ އަހްމަދު ނައީމް (ޔަނޭ)ވެސް މަދުމަދުން ކުޅެން އަރާފައިވީކަމުގައިވީ ނަމަވެސް އެޓީމުގެ އަހްމަދު ޒަކަރިއްޔާ (ބޮކޭ)، އަހްމަދު މުހައްމަދު އަދި އީމާން އަހްމަދަށް އެއްގޮތަކަށް ވެސް މިހާތަނަށް ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ. ކަސްޓަމްސްގެ އަހްމަދު އަލީ، އަހްމީމް އަލީ، މުހައްމަދު ދާއޫދުގެ އިތުރުން މުހައްމަދު ހަސަނާއި އަބްދުލްހަކީމް އުމަރަށް ވެސް މުބާރާތުގައި ކުޅުމުގެ ފުރުސަތެއް ލިބިފައެއް ނުވެ އެވެ. ކުޅެލުމުގެ ފުރުސަތު މަދުން ލިބުނު ނަމަވެސް އެންމެ އެދެވޭގޮތުގައި ކުޅުދުއްފުށީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ އާދަމް ބާޑޭއަށް ވެސް ކުޅެން ފުރުސަތު ލިބިފައިނުވާކަން ފާހަގަކޮށްލެވެ އެވެ.

ދިރާގުގެ އަލީ މާއިދް އާދަމް (އަސޭ)، ޝަމްނޫޒް މުހައްމަދު ނައީމް (ޝައްމެ)ގެ އިތުރުން މުޖީބް އަލީއަށް ވެސް ކުޅުމުގެ ފުރުސަތު އެންމެ އެދެވޭގޮތުގައި ލިބިފައިނުވާކަން ފާހަގަކުރެވެ އެވެ. އަދި މިފަހަރުގެ ފެނަކަ ޓީމުގައި ހިމެނެނީ ކުޅުދުއްފުށީގެ އެންމެ ކުޅުންތެރިޔެކެވެ. އެއީ އޮފީހުން ބޭރުން ފެނަކައަށް ގެނައި ޒުވާން ކުޅުންތެރިޔާ އަޔާން އެވެ. އޭނާއަށް ވެސް އެންމެ އެކަށީގެންވާވަރަށް ކުޅުމުގެ ފުރުސަތެއް ނުލިބެ އެވެ.

މިކަމާއި ގުޅިގެން ޓީމުތަކުގެ މެނޭޖުމެންޓަށާއި މުބާރާތް އިންތިޒާމްކުރި ފަރާތަށްވެސް އަންނަނީ ފާޑުކިއުން އަމާޒުވަމުންނެވެ. މިމުބާރާތުގައި އެންމެ ގިނައިން ރަށު ކުޅުންތެރިން ފެނުނު ޓީމުތަކަކީ ކުލަބް ކޭއާރުއެޗާއި އާރްއޭސީއެލްގެ އިތުރުން އަފީފުއްދީން އެސްއާރުސީ، އާރްޑީސީ އަދި އެސްޓީއޯ އާރްސީއާއި ކޭސީސީ އާރްސީ އެވެ. އެހެންނަމަވެސް އާރްއޭސީއެލްއާއި އެސްޓީއޯ އާރްސީގައި މަދުން ނަމަވެސް ރަށުން ބޭރު ކުޅުންތެރިން ހިމެނެ އެވެ.

މިއީ ޒިގްޒެގްގެ 8 ވަނަ މުބާރާތަށްވާއިރު އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ރަށުން ބޭރު ކުޅުންތެރިން ގިނަކަން ގިނަބަޔަކު ފާހަގަކުރަމުން އަންނައިރު މިމުބާރާތަކީ އިންސާފުވެރި މުބާރާތެއް ނޫންކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ. އެއީ އުރީދޫ، ދިރާގު، ޕޯޓް އަދި ކަސްޓަމްސް ކަހަލަ އޮފީސްތަކަކީ މުޅި ރާއްޖޭއިން ކުޅުންތެރިން ގެނެވިދާނެ އޮފީސްތަކަށްވެފައި އަފީފުއްދީނާއި ކޭސީސީ އާރްސީ އަދި ކޭއާރުއެޗު ފަދަ ތަންތަނަކީ ހަމައެކަނި އެ އޮފީހެއްގައި މަސައްކަތް ކުރާ ބަޔަކު ޓީމުގައި ހިމެނޭނެ އޮފީސްތަކަށް ވާތީއެވެ. އެހެންކަމުން އެކަން އެހެން އޮއްވައި މުބާރާތަށް އެހެން ޓީމުތަކަށް ކުޅުންތެރިން ގެނެވުމަކީ ވަރަށް ބޮޑު ނާއިންސާފެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މިކަހަލަ ފެންވަރު ރަނގަޅު މުބާރާތެއް އޮންނަން ޖެހޭކަމަށް ގަބޫލުކުރެވުނު ނަމަވެސް ރަށު މީހުންނަށް ފުރުސަތު ގެއްލޭ ގޮތަށް މިކަން ހިނގާދިއުމަކީ ވަރަށް ބޮޑު ނާއިންސާފެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މުބާރާތުގެ ގަވާއިދުގައި އޮފީހުން ބޭރުން ހިމެނޭނީ ކޯޗް ފިޔަވާ އެންމެ ކުޅުންތެރިއެއްކަމުގައި ބަޔާންކޮށްފައިވެ އެވެ. އެ އޮފީހުގައި މަސައްކަތްކުރާ ރަށުން ބޭރުގެ މުވައްޒަފުން މުބާރާތަށް ގެނައި ނަމަވެސް މުޅި ޓީމަށް އެއްކޮށް ހަމަވާވަރަށް ރަށުން ބޭރުން ކުޅުންތެރިންތައް ގެނެސް، ރަށުގައި ތިބި ކުޅުންތެރިންނަށް ފުރުސަތު ގެއްލޭގޮތް މެދުވެރިވާތީ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.

ނަންހާމަނުކުރުމަށް އެދި ކުޅުދުއްފުށީގެ ޖަމިއްޔާއެއްގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ މިފަހަރުގެ މުބާރާތުގެ މަގްސަދު އެންމެ ފުރިހަމައަށް ހާސިލްނުވާ ކަމަށާއި މުބާރާތުގެ ހުރިހާ ޓީމުތަކަށް އިންސާފުވެރިއެއް ވެސް ނޫން ކަމަށެވެ.

"ދިރާގު، އުރީދޫ، އެމްޕީއެލް އަދި ޕޮލިހަށް މުޅި ރާއްޖެއިން މީހުން ގެނެވޭނެ. އެކަމަކު އަފީފުއްދީން، ކޭއާރުއެޗު އޮންނާނީ މިރަށުގައި އެކަނި. އެހެންވީމާ އެޓީމުތަކަށް މީހުން ނުގެނެވޭނެ. އެހެންކަމުން މުބާރާތް އިންސާފުވެރިއެއް ނޫން." ނަން ހާމަނުކުރުމަށް އެދި އޭނާ ބުންޏެވެ.

އޭނާ ބުނީ ޕްރި މެޗް އިންޓަވިއުތަކުގައި ވެސް ކަސްޓަމްސް، އެމްޕީއެލް، ދިރާގުގެ މީހުން ކިޔާނީ ރަށުން ބޭރުން މޮޅެތި ކުޅުންތެރިން އައުމުން ލިބޭ ފައިދާތައް ކަމަށެވެ. ހާއްސަކޮށް ކަސްޓަމްސް އަދި ކޭއާރުއެޗުގެ ނަން އޭނާ ފާހަގަކުރި އެވެ.

"އަސްލު ޓީމަށް ބޭރުން އެކަކު ގެނެސްގެން ކުޅުން އޯކޭ. އެކަމަކު މުޅި ޓީމު ރަށުން ބޭރުން އައީމާ ކުލަބް މޯލްޑިވްސް އެކޭ ނެތް ތަފާތެއް. މިރޭ އޮންނާނީ ހަމަ ކުލަބް މޯލްޑިވްސް ފައިނަލެއް." އޭނާ ބުންޏެވެ. ގިނަ ބަޔަކު ނަންހާމަނުކުރުމަށް އެދި މައުލޫމާތު ދިން ގޮތުގައި މިމުބާރާތުގެ މަގްސަދު އަސްލު މިފަހަރު ހާސިލެއް ނުވާކަމަށް ބުނެފައިވެ އެވެ. އެއީ ރަށުގެ ކުޅުންތެރިންނަށް ފުރުސަތު ގެއްލޭތީކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.

މިފަހަރުގެ މުބާރާތާ ގުޅިގެން ޓީމުތަކުގެ ބައެއް ކުޅުންތެރިންވެސް ތިބީ ހިތްހަމަނުޖެހިފަ އެވެ. ނަންހާމަނުކުރުމަށް އެދި ކުޅުންތެރިއަކު މައުލޫމާތު ދެމުން ބުނީ ކުޅުންތެރިޔަކު ބުނީ ޕްރެކްޓިސްކުރަން ރަށު މީހުން އުޅުނަސް ކުޅެން ގެނައި މާލޭ މީހުން ކަމަށެވެ.

"ޕްރެކްޓިސް ކުރަން ތެޅުނީ ރަށު މީހުން. އެކަމު ކުޅެން ގެނައީ މާލެ މީހުން." އޭނާ ބުންޏެވެ.

ރަށުން ބޭރުން އަންނަ މޮޅު ކުޅުންތެރިންގެ ފަރާތުން ރަށު ކުޅުންތެރިންނަށް ވަރަށް ގިނަ ކަންކަން ދަސްކޮށްލަން ލިބޭކަން ފާހަގަކުރި ނަމަވެސް މިކަހަލަ ފެންވަރު ރަނގަޅު މުބާރާތެއްގައި އެކުޅުންތެރިންނާއެކު އެއްފެންވަރެއްގައި ކުޅުދުއްފުށީގެ ކުޅުންތެރިންނަށް ކުޅެން ލިބިފައިނުވާކަން ފާހަގަކޮށްލެވެ އެވެ. މި މުބާރާތަކީ ކުޅުދުއްފުށީގެ އޮފީސްތަކަށް ހާއްސަ މުބާރާތަކަށް ވާއިރު ރަށުން ބޭރުން ގެންނަ ކުޅުންތެރިންގެ ވަކި ލިމިޓެއް އޮތުން މުހިއްމުކަންވެސް ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ. ސަބަބަކީ މުބާރާތް ވައިގައި ހިފިނަމަވެސް ރަށުގައި ތިބި ކުޅުންތެރިންނަށް އެކަށީގެންވާވަރަށް ހުނަރު ދައްކާލުވުމުގެ ފުރުސަތު ނުލިބުމެވެ.

މުބާރާތުގައި މިގޮތަށް ކަންހިނގާކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރާއިރު ޒިގްޒެގުގެ ވައިސް ޗެއާމަން އަންވަރު އާދަމް ކޭއޯއަށް މައުލޫމާތުދިން ގޮތުގައި މުބާރާތަކީ ސަރުކާރުގެ އޮފީސް / ކުންފުނިތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމަށް ބޭއްވޭ މުބާރާތެއްކަމުން އެމަގުސަދު ވަރަށް ރަނގަޅަށް ހާސިލްވާކަމަށެވެ. އެއީ ކުޅުންތެރިންތަކެއް އައިސް އެކަކު އަނެކަކާ ބައްދަލުވެ އެކަކު އަނެކަކުގެ ކިބައިން ގިނަ ކަންތައް ދަސްވާ ކަމަށާއި އެކުވެރިކަން އާލާވާ ކަމަށެވެ. އަދި މުބާރާތުގައި ބައެއް ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު އެންމެ އެދެވޭ ގޮތުގައި ނުލިބުނު ނަމަވެސް ހަމަ ގިނަ ކުޅުންތެރިންނަށް ކޮންމެވެސް ވަރަކަށް ކުޅެން ލިބިފައިވާކަން ފާހަގަކުރި އެވެ.

މިރަށުގެ ކުޅުންތެރިންނަށް ޗާންސް ދިނުމަކީ އެކުޅުންތެރިޔަކު ކުޅޭ ޓީމާއި ޓީމުގެ މެނޭޖުމަންޓުގެ ވެސް ވަރަށް ބޮޑު ޒިންމާއެއްކަން ފާހަގަކޮށްލެވެ އެވެ. މިރަށުގެ ކުޅުންތެރިންނަށް ރަށުން ބޭރުގެ ކުޅުންތެރިންގެ ފަރާތުން ކަންތައްތަކެއް ދަސްވާއިރު އެކުޅުންތެރިންނާއި އެއްމާހައުލަކުން ބައްދަލުވެ ގުޅުން ބަދަހިވާކަން ވަރަށް ބޮޑަށް ފާހަގަވާ ކަމަށާއި އެމަގުސަދު ހާސިލްކުރެވޭ ކަމަށް ޒިގްޒެގުން ހާމަކުރެ އެވެ. އަދި ހަމައެއާއެކު މިމުބާރާތުގައި މިރަށު ކުޅުންތެރިންނަށް މޮޅެތި އެކި ފެންވަރުގެ އެކި ސަރަހައްދުގެ ކުޅުންތެރިންނާއި ބައްދަލުވެ ކަންކަން ދަސްކޮށް އެކުވެރިކަން އާލާކުރުމުގެ ފުރުސަތު ލިބިގެންދަނީ ޒިގްޒެގުގެ މުބާރާތުގެ ސަބަބުންކަމަށް ޒިގްޒެގް ޖަމިއްޔާއިން ބުނެ އެވެ.

އަދި ހަމަ މިރަށުގެ ކުޅުންތެރިންނަށް ފުރުސަތު ނުލިބުން މިއީ އިންތިޒާމުކުރާ ފަރާތުގެ މައްސަލައެއް އެކަނި ނޫންކަން ފާހަގަކޮށްލެވެ އެވެ. ޓީމުތަކުން ވެސް މިރަށު ކުޅުންތެރިންނަށް ވުރެ ރަށުން ބޭރު ކުޅުންތެރިންނަށް އިސްކަންދެ އެވެ. މިފަދަ ގޮތަކަށް މުބާރާތް ބާއްވާނަމަ ރަށުގެ ކުޅުންތެރިންނަށް ވެސް އެކުޅުންތެރިންނާއެކު މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުސަތު އެންމެ އެކަށީގެންވާގޮތުގައި ލިބެންޖެހޭނެ އެވެ. އަދި އެކުވެރިކަން އާލާވެ ގުޅުން ބަދަހިވެ ކަންކަން ދަސްކޮށްލަން ލިބުނު ނަމަވެސް މިރަށުގެ ނަން މަޝްހޫރު މޮޅެތި ކުޅުންތެރިންނަށް ފުރުސަތު ގެއްލި ރާއްޖޭގެ މޮޅެތި ކުޅުންތެރިންނާއެކު މިކަހަލަ ފޯރިގަދަ ބޮޑު މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުސަތު ގެއްލިގެންނުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355